މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިތުރު 7 އަތޮޅަކަށް އެލާޓު ނެރެފި

މޫސުން ގޯސްވެ މެދު ރާއްޖެތެރޭގެ 7 އަތޮޅަކަށް ވައިޓް އެލާޓު ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅާއި އއ އަތޮޅު، އދ އަތޮޅު، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު އަދި ދ އަތޮޅަށް ވައިޓް އެލާޓު ނެރެފައެވެ.

މި އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 2:00 އިން ފެށިގެން މިރޭ 7:00 ޖެހުމާއި ހަމައަށެވެ.

މިއަދު މެންދުރު 11:00 އިން ހަވީރު 16:00 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރައްތަކަށްވެސް ބޯކޮށް ވޭރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ވަނީ ވައިޓް އެލާޓު ނެރެފައެވެ.

ކުރިއަށް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވާ ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ