2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާ ބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު ދަޢުލަތަށް ލިބުނު އާމްދަނީ 57.9 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
މީރާއިން ހާމަކޮށްފައިވާ 2020 އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މީރާއަށް ވަނީ 390.57 މިލިއަން ރުފިޔާ ލިބިފައެވެ. މީރާއިން ހާމަކޮށްފައިވާ ގޮތުން މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %57.9 ދަށް އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޯބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޯބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.
އެގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.
ކޮވިޑްއާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެއްކޮށް ހުއްޓުމަށްފަހު މިހާރު ވަނީ ރިސޯޓްތަކާއި ގެސްޓް ހައުސްތައް އަލުން ހުޅުވާފައެވެ. ރިސޯޓްތައް ހުޅުވާ ރާއްޖެގެ ބޯޑަރު ހުޅުވާލުމަށްފަހު ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.
ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ އަދި ރާއްޖެއަށް ބޭރު ފައިސާ ލިބުމުގެ މައިގަނޑު ވަޞީލަތަކީވެސް ފަތުރުވެރިކަމުގެ ސިނާޢަތެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ސިނާއަތު ހުއްޓުމާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުން އޮކްޓޯބަރު 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 4.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.



