މަސްތުވާތަކެއްޗާއެކު މިލަންދޫ އާއި މާމިގިލިން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ށ. މިލަންދޫ އާއި އދ. މާމިގިލިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މާލެއިން މިލަންދުއަށް ދާ ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިލަންދޫ ބަނދަރުމަތިން އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި، ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު 26 އަހަރުގެ މީހާއަށް ދީފައިވާއިރު 28 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އދ. މާމިގިލީގައި ހިންގި އޮޕަރޭޝަނަކީ މާމިގިލިން އެ އަތޮޅު ހަންޏާމީދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި މާމިގިލީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި ކަމަށެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި މާމިގިލި ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ