ފޮޓޯ : ވަގުތު

ޢީދު ބަންދަށް ކުރާ ދަތުރުތަކުގައި ރައްކާތެރި ކަމަށް އިލްތިމާސް ކޮށްފި

މިއަހަރުގެ ފިޠުރު ޢީދާއި ދިމާކޮށް، އަތޮޅުތަކުން މާލެއަށް، އަދި މާލެއިން އަތޮޅުތަކަށް ދަތުރު ކުރައްވާ ފަރާތްތަކުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވާ، އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާޞް ކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްކަންދަށު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ހެޑް އޮފް ނޮދާން ޑިވިޝަން، ޗީފް ސްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކުން، އެ މީހުން ދިރިއުޅުއްވާ ގޭގެ ރަނގަޅަށް ތަޅުލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ނޫނީ، ރަށުން ބޭރަށް ފުރައިގެން ނުދިއުމަށާއި، މިކަންކަމަށް ސަމާލުކަން ނުދީފިކަމަށް ވާނަމަ، ވައްކަންކުރުމުގެ މައްސަލަތައް ދިމާވުން ގާތް ކަމަށެވެ.

"ފިޠުރު ޢީދު ބަންދަށް ރަށުން ބޭރަށް ދުރުވާއިރު، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް އެއީ، ދިރިއުޅުއްވާ ގޭގެ ހުރިހާ ދޮރެއް ތަޅުލެވިފަވޭތޯ ބެލުން. އެހެން ނޫން ކަމަށްވާނަމަ، އިތުބާރު ހިފޭ ކޮންމެވެސް ފަރާތަކަށް ގެ ބަލަން ހަވާލުކޮށްފައި ފުރައިގެން އަންނަންވާނީ. އަދި ޢީދުގެ އެކި ކަހަލަ ކުޅިވަރުތައް ކުޅޭއިރު، އާއްމު މިންގަނޑުގެ ތެރޭގައި އެކަންކަން ކުރުމަށް އިލްތިމާޞްކުރަން. ބައެއް ފަހަރު ސަމާސާއަކަށް ކުރާ ކިތަންމެ ކުޑަ ކަމެއްވެސް ގޯސް ވެގެން މާރާމާރީއަށް ބަދަލުވެފައިވެސް އެބަ ހުރި." ޝަރީފް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ހެޑް އޮފް މާލޭ ޕޮލިސް ސްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވީ، މާލޭގެ ކަންކަން ބެލެހެއްޓުމަށް މޭލޭގެ ސެކިއުރިޓީ ފާމް ތަކާއި އެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި، އެ ފަރާތްތަކާއި ގުޅިގެން، މާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބައްދަލުކުރިން މާލޭގެ ސެކިއުރިޓީ ފާމް ތަކާ. އެ ފަރާތްތަކާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ. ޚާއްޞަކޮށް ޢީދު ދުވަހަކީ މާލޭގެ މަގުމަތީގެ ކާރޫބާރޫ ބޮޑު ދުވަހެއް. ޓްރެފިކް ފުލުހުން މަސައްކަތް ކުރައްވަމުން ގެންދަވާނެ. މާލޭގަ ދިރިއުޅުއްވާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ސަމާލުކަން ޖެހޭ ކަމެއް އެބައޮތް. އެއީ ގޭގެ ދޮރުތައް ތަޅުލާފައި ނޫނީ ބޭރަށް ނުދިއުމާއި، އަދި ސީސީޓީވީ ބޭނުން ކުރުމަކީވެސް ރައްކާތެރިކަން ބޮޑު ކަމެއް." މޫސަ ވިދާޅުވިއެވެ.

ކަލަންޑަރުގައި ވާ ގޮތުން މާދަމާ އަކީ މިއަހަރުގެ ފިޠުރު ޢީދުގެ ފުރަތަމަ ދުވަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ