ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޙިއްޞާކުރުމަށް އިލްތިމާޞްކޮށްފި

ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޞައްޙަ މަޢުލޫމާތު ޙިއްޞާކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިލްތިމާޞްކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން 27 އެޕްރިލް 2015 ގައެވެ.

އެ ގަވާއިދާއި އެކު، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސަރވިސް ފަދަ ޚިދުމަތްތައް ޕްރޮމޯޓުކުރަމުން އެދުވަސްވަރު އައިސްފައިވެއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިފަދަ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫންކަން އާންމުންނަށް އޮޅުން ފިލުވައިދިނުމަށް ބޭނުންވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، އިމިގްރޭޝަން ޤާނޫނަށް ގެނެވުނު އިޞްލާޙު ގެޒެޓުކުރެވުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާނީ، އެ އިޞްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ޤާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށެވެ. އަދި މި އިޞްލާޙުގައިވާ ގޮތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި، ދިވެހިރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ 5 އަހަރުން އައު ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން، ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން، ޓޫރިސްޓު ވީޒާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި، ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ. އަދި، ކުރިއެކޭ އެއްގޮތަށް، ރާއްޖޭގައި، އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަ ހޯދައި، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް ލާޒިމުވާނެ ކަމަށް ވިދާޅުވިއެވެ،

ދިވެހިރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ތަޢާރަފުކޮށްފައިވާކަމަށް ބުނެ، މަޢުލޫމާތު ދެމުންދާތީ، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޢާންމުންނާއި ޙިއްޞާކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާޞްކުރާ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ