ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު | ފޮޓޯ: ވަގުތު

ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭ ތަކުލީފު މިސަރުކާރުން ޖައްސައި، ވަޒީފާތަކުން ޒުވާނުން ކަނޑައިފި: ސުޖާއު

ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭ ތަކުލީފު މިސަރުކާރުން ޖައްސައި، ވަޒީފާތަކުން ޒުވާނުން ކަނޑައިފި ކަމަށް  ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.

ސުޖާއު މިފަދައިން ވިދާޅުވެފައިވަނީ މީގެކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް މިސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހިންގިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި މިހާތަނަށް ކޮށްފައިވާ ބައެއް މަސައްކަތްތަކާބެހޭ ތަފުސީލުތައް ހާމަކުރެއްވިއެވެ. އެ ގޮތުން ތިން ސަތޭކަ އެތައް މަޝްރޫޢެއް ސަރުކާރުން ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަށާފައިވާއިރު، މިއަދު ޤައުމަށް ކުރިމަތިވެފައިވާ ހާލަތާ އެކުވެސް، އޭގެ ތެރެއިން ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 156 މަޝްރޫޢެއް ފެށުމަށް މިހާރު ވެސް ތައްޔާރީތައް ވަމުން އަންނަކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން ތަޙައްމުލުކުރަން ޖެހުނު ކަންކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު ވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމާއި، ހަމައެހެންމެ އެ ދަތި ހާލަތުގައި ވެސް ސަރުކާރުގެ މުވައްޒަފުން މަދުކުރުން ނުވަތަ މުސާރަ ކުޑަކުރުން ފަދަ ފިޔަވަޅެއް އަޅާފައި ނުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ތިޔަ ވާހަކަ ގަބޫލުކުރާ ރައްޔިތަކު މި ގައުމަކު ނެތް ކަމަށާއި ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭ ވޭނާ ތަކުލީފު މިސަރުކާރުން ރައްޔިތުންންނަށް ޖައްސައިފި ކަމަށެވެ.

"އާއިލާތައް ބިކަ ކޮށްފި. ވަޒީފާތަކުން ޒުވާނުން ކަނޑައިފި. މަސްވެރިންނަށް ލާރި ނުދީ ހިފަހައްޓައިފި" ސުޖާއު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ