މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެންޕީއާރުސީ) ބޭނުންކޮށްގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން މިއަދު އާންމު ކުރުމާއެކު އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާޙިމް ޝުޖާޢު ރައްދުދެއްވައިފިއެވެ.
ޝުޖާޢު ވިދާޅުވެފައި ވަނީ ޖޯކަރު ލިސްޓް ހެދީ ވެސް ޖޯކަރުން ތަކެއް ކަމަށާއި، ލިސްޓްގައި ހިމަނާފައި ވަނީ މި ސަރުކާރުން ބޭނުންވާ މީހުންގެ ނަންތަކެއް ކަމަށެވެ.
"ދައުލަތް ދަވާލި ބައެއް ކުރިމައްޗަށް އަރާ މި ސަރުކާރުން ބޭނުންވާ ބައެއްގެ ނަން އެމީހުން ލައްވާ ބުނެވުނު އިރު، މި ދައުލަތައް މި ވައްކަން ކުރި މީހުން ރާއްޖޭން ބޭރުން ނުގެނެވުނު" ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދިހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަމަށް އަލަށް އިންތިޚާބުވި އިބްރާޙިމް ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ ދިވެހިންނަށް ވާނުވާ އެބަ އެނގޭކަމަށެވެ.
ޖޯކަރު ލިސްޓް ހެދީ ވެސް ޖޯކަރުން ތަކެއް.ދައުލަތް ދަވާލި ބައެއް ކުރިމައްޗަށް އަރާ މި ސަރުކާރުން ބޭނުންވާ ބައެއްގެ ނަން އެމީހުން ލައްވާ ބުނެވުނު އިރު،މި ދައުލަތައް މި ވައްކަން ކުރި މީހުން ރާއްޖޭން ބޭރުން ނުގެނެވުނު!ބަލަ ދިވެހިންނަށް ވާނުވާ އެބަ އެގެޔޭ.މޮޔަނުވެބަލަ.
— Ibrahim Shujau ???? (@shuja3831) May 12, 2021
މަޖިލީހުން މިއަދު އާންމު ކޮށްފައިވާ މި ލިސްތްގައި ޝުޖާޢުގެ ނަންވެސް ހިމެނެއެވެ.
މީގެ އިތުރުން މި ލިސްޓްގައި ސަލާމަތީ ޚިދުމަތްތަކުގައާއި، ޝަރުޢީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައާއި، ރައްޔިތުންގެ މަޖިލީހުގައާއި، މިނިސްޓަރުންގެ ގޮތުގައާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ކުރީގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތްތައް ހިމެނެއެވެ.
މި ލިސްޓްގައި ކުރީގެ މަޖިލީގެ 47 މެންބަރަކާއި މިހާރުގެ މަޖިލީހުގެ 18 މެންބަރަކާއި، މި ސަރުކާރުގެ މިނިސްޓަރުންނާއި، ކުރީގެ ސަރުކާރުގެ މިނިސްޓަރުންވެސް ހިމެނެއެވެ.




