ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގައިޑުލައިނާއި ހިލާފަށް އެއްވުން ބޭއްވުމުން: ފުލުހުން

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑުލައިނާއި ހިލާފަށް އެއްވުން ބޭއްވުމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ސުޖާއު މިރޭ ހައްޔަރުކޮށްފައިވޭތޯ ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑުލައިންތަކާއި ހިލާފަށް އެއްވުން ނުބޭއްވުމަށް ނަސޭހަތްތެރިވެފައި ވަނިކޮށް އެއްވުން ކުރިއަށް ގެންދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ސުޖާއު ގެނެސްފައިވާ ކަމަށެވެ.

ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފައިވަނީ ނަސްރުގެ ދުވަހާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން "ބަޑި ބުރާސްފަތި" ނަމުގައި މިހާރު ބާއްވަމުން ގެންދާ ހަރަކާތުގެ ތެރެއިންނެވެ. މި ހަރަކާތް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

އިދިކޮޅު ފަރާތްތަކުން ނަސްރުގެ ދުވަހާއި ގުޅުވައިގެން މިރޭ ކުރިއަށް ގެންދާ ހަރަކާތަކީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބާއްވަމުންދާ ހަރަކާތެއް ކަމަށް ފުލުހުން ވަނީ މިހާރު އަންގައިފައެވެ. އަދި އެ ހަރަކާތް ހުއްޓާލުމަށްވެސް ފުލުހުންވަނީ އަންގައިފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ނަސްރުގެ ދުވަހާއި ދިމާކޮށް "ބަޑި ބުރާސްފަތި" ނަމުގައި އެންމެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަސައްކަތް ކޮށްފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ކާނިވާ ސަރަހައްދުގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުއްދަ ނުލިބުމުން މި ޖަލްސާ މިހާރު ކުރިއަށް ގެންދަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ