ޖުމްހޫރީ ހަޔާތުގައި މި ވޭތިވެ ދިޔަ ދުވަސްތަކުގައި ތަފާތު އިމްތިހާނުތަކާއި ރާއްޖެ ކުރިމަތިލާން ޖެހުނު ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.
އެމްއާރުއެމް އިން މިހެން ވިދާޅުވެފައި މިވަނީ މިއަދު އަޅުގަޑުމެން ފާހަގަ ކުރަމުންމިދާ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 52 އަހަރު ފުރޭ ތާރީޚީ މުނާސަބަތުގައި އެފަރާތުން ނެރެފައިވާ ބަޔާނެއްގައެވެ.
އެމްއާރުއެމް އިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތިވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 12 އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭކަމުގައި ވަނީ ވިދާޅުވެފައެވެ.
އެޕާޓީން ވިދާޅުވީ މިކަންކަމުން ހާމަ ވެގެންދާ އެއްކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަން ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ތަހްނިޔާ އާއި ހެޔޮ އެދުންތައް އެމްއާރުއެމް އިން ވަނީ އަރިސްކުރައްވާފައެވެ.
އެމްއާރުއެމް އިން އިތުރަށް ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަސް މިއަހަރު އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައިކަމަށާއި މިކަމުގެ ސަބަބުން އަޅުގަނޑުމެން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިކަމަށެވެ. މި ބަލިން ސަލާމަތްވެ ކުރީގައި އުޅުނު ދިރިއުޅުން އިއާދަ ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަމުގައި އެޕާޓީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދުވެސް އަޅުގަނޑުމެން ޢަޒުމު ވަރުގަދަކުރަން ޖެހޭކަމަށާއި އަދި ހަމައެހެންމެ، ޖުމްހޫރީ ދުވަހުގެ މި މުނާސަބަ ދަނޑިވަޅުގައި އަޅުގަޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމަޢެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.
އެމްއާރުއެމްގެ ބަޔާން ނިންމާލާފައި ވަނި މާތްﷲ ގެ ރަޙްމަތްފުޅުން ކޯވިޑްގެ މިނުރައްކާ ބަލިން ދިވެހި އުންމަތާއި އިންސާނިއްޔަތު ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. އަދި ދިވެހި ޖުމްހޫރިއްޔާ އަށް އިތުރު ކުރިއެރުން ލިބިދެއްވައި، ދިވެހި ރައްޔިތުންނަށް އުފާ ފާގަތި ކަމާއި ތަނަވަސްކަން މިންވަރު ކޮށްދެއްވުމަށްވެސް ވަނީ އެދިލައްވާފައެވެ.
އެމްއާރުއެމްގެ ލީޑަރ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް އަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސްއެވެ. އެމަނިކުފާނު ވަނީ 30 އަހަރު ދުވަހު ރާއްޖޭގެ ރައީސްކަން ކުރައްވާފައެވެ.



