"އަނިނިޔާގެ ފަރުވާއަކީ، އަނިޔާ ލިބޭ ފަރާތަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުވުން"

އަނިނިޔާގެ ފަރުވާއަކީ، އަނިޔާ ލިބޭ ފަރާތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުވުންކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްއިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސަ އޭނަގެ ކުރީގެ އަނބިމީހާއަށް އަނިޔާ ކުރި މައްސަލަ ކުއްވެރިކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެޕާޓީން ވަނީ އީސަ ހިންގިކަމަށް ތުހުމަތު އުފުލިފައިވާ އަންހެނަކަށް އަނިޔާކުރި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި ފަރާތަށް އިންސާފު ހޯދައިދިނުމަށް، ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި މިކަން ތަޙުޤީޤު ކުރުމަށް ގޮވާލައިފައެވެ.

އެޕާޓީން ވިދާޅުވީ ޖިންސީ އަނިޔާކުރުމާއި ގެވެށިއަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާކަމީ އެމްއާރްއެމް އިން ނުހަނު ކަންބޮޑުވެ، ހިތާމަކުރާ ކަމެއްކަމަށާއި، ވަކިން ޚާއްސަކޮށް ފަހަކަށްއައިސް އިތުރުވަމުންދާ އިއްޒަތްތެރި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މިބާވަތުގެ ހުތުރު ޢަމަލުތައް އެންމެ
ހަރުކަށިއިބާރާތުން ކުށްވެރި ކުރާކަމަށެވެ.

މި ބާވަތުގެ ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހެންމީހުންގެ ފުރައްސާރަ އާއި ބިރުދެއްކުމާ ކުރިމަތިލާންޖެހި، ނަފްސާނީ ގޮތުން އިތުރު އަނިޔާލިބުމަށް މަގުފަހި ވެގެންދާކަމަށާއި އެހެންކަމުން، މިބާވަތުގެ ހުތުރުކަންބޮޑު އަދި ނާތަހުޒީބީ ޢަމަލުތަކާއި، ކުޑަކުދިންނަށް ލިބޭ ޖިސްމާނީ އަދި ނައްސާނީ އަނިޔާތައްވެސް ދިވެހި މުޖުތަމަޢުން ނައްތާލުމަށް ކުރެވެންއޮތް ހުރިހާކަމެއް ކުރުމަށް އެޕާޓީން ވަނީ ގޮވާލައިފައެވެ.

އެގޮތުން އެޕާޓީން ވަނީ އަނިޔާގެ ކަންކަމުގެ ފަރުވާއަކަށް ވާނީ، އަނިޔާ ލިބޭ ފަރާތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުވުންކަމަށް ވިދާޅުވެ، އިންސާފު ހޯދައިދިނުމަށްޓަކައި، ޤާނޫނު ތަންފީޒުކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން ވަކި ފަރާތަކަށް ބުރަނުވެ، ހަމައާއި އިންސާފުން މައްސަލަތައް ތަޙްޤީޤުކޮށް، ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް ގޮވާލައިފައެވެ.

އެމްއާރުއެމް އިން މިހެން ވިދާޅުވެފައިވާއިރު، އީސަގެ މައްސަލަ އަވަހަށް ބަލައިދިނުމަށް އޭނަ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީ އިން ވެސް ވަނީ ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ