ފާއިތުވިދެ އަހަރު ދުވަހުގެ ތެރޭގައި ޔޫތް މިނިސްޓްރީން ހިންގި މަޝްރޫޢުތަކަށް 345 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޙްލޫފު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެމިނިސްޓްރީން 345 މިލިއަން ރުފިޔާގެ 347 ޕީއެސްއައިޕީގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.
ރައީސް އިބްރާޙިމް މުޙައްމަދު ޞާލީހްގެ ސަރުކާރު އައިސް ފައިވަނީ ޒުވާނުންނަށް ބޮޑެތި ވަޢުދުތަކަކާއި އެކުއެވެ. ޚާއްސަކޮށް ކުޅިވަރު ކުރިއަރުވާ އާލާކުރުމަށް ސަރުކާރުން ވަނީ ބޮޑެތި ވަޢުދުތަކެއް ވެފައެވެ.
އެގޮތުން ރާއްޖޭގެ ރަށްރަށުގައި ފުޓްބޯޅަ ދަނޑުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުޓް ބޯޅަ ކުރިއެރުވުމަށް މުބާރާތްތައް ބޭއްވުމަށް ވަނީ ވަޢުދުވެފައެވެ.
ޔޫތް މިނިސްޓްރީން އަންނަނީ ރާއްޖޭގެ ގިނަ ރައްތަކެއްގައި ފުޓް ބޯޅަ ދަނޑުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގަމުންނެވެ.
އެގޮތުން ރަށްރަށުގެ ކައުންސިލާއި ޒުވާނުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރިކުއެސްޓްތަކާއި އެއްގޮތަށް 51 ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި 6 ދަނޑުގެ މަސައްކަތް ކުރެވެމުންދާކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ޒުވާނުންނަށް ޚާއްސަކޮށް އިންޑިއާ ސަރުކާރުގެ އެހީގައި އަޅަމުންދާ އައުޓްޑޯ ޖިމްތަކާއި، ކުޑަކުދިންގެ ހިތް އުފާކޮށްލުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ހަމަ އިންޑިއާ ސަރުކާރުގެ އެހީގައި ޤާއިމް ކުރަމުންދާ ކުޑަކުދިންގެ ޕާކްތައްވެސް ފާހަގަ ކޮށްލެވެއެވެ. މިނޫނަސް ރާއްޖޭގެ ކުޅިވަރު ދިރުވާ އާލާކޮށް ކުޅިވަރު ކުރިއެރުވުމަށް ޔޫތް މިނިސްޓްރީން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
މިނިސްޓަރ މަޙްލޫފް ވިދާޅުވެފައި ވަނީ ޒުވާން ފަންނުވެރިން ކުރިއެރުވުމަށް ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި އަދި އިތުރު ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުން ހޯދައިދިނުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށެވެ.
ޔޫތް މިނިސްޓްރީން އަންނަނީ ސްވިމިން އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އޮލިމްޕިކް ފެންވަރުގެ ސްވިމިންޕޫލަށް ބޭނުންވާ ބިން ސާފުކޮށްފައިވާއިރު، ކުރެހުން ފައިނަލް ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް ގެންދަމުންނެވެ. އަދި މަލޭ ފަތާ ޓްރެކް ތަރައްޤީ ކުރުމުގެ މަސައްކަތް ޑިސެންބަރު މަހަށް ނިންމާލެވޭނެކަމަށާއި، ފަތާ ޓްރެކް ސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ޤާއިމް ކުރެވިގެން ދާނެކަމުގައިވެސް މަޙްލޫފް ވަނީ ވިދާޅުވެފައެވެ.



