ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވެފައި ވަނީ ކޯވިޑް 19އާއެކު، އަޅުގަނޑުމެންނަށް ޔަޤީންވެގެން ދިޔައީ، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަމަށާއި އަދި މިއީ އަބަދުވެސް ދެކެވޭ ވާހަކައެއްކަމަށެވެ.
ނަމަވެސް މިއީ، ޢަމަލީގޮތުން ޙައްލެއް ހޯދުމަށް މިހާތަނަށް ބޮޑު މަސައްކަތެއްނުކޮށް އިހުމާލުވެފައި އޮތް ކަމެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ.
އެގޮތުން މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް މި އަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާގޮތަށް، ރަށްރަށުން ދަނޑުބިން ދޫކުރަން ފަށާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދަޅުވީ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައްވެސް ކުރިއަށްދާނެކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމާ ގުޅިގެން ރާއްޖެއަށް ބޭރު ފައިސާ ލިބުމުގެ މައިގަނޑު މަގުވެސް އޮތީ ބަންދުވެފައެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ހުޅުވި، ރިސޯޓްތަކާއި ގެސްޓްހައުސްތައް އަލުން ހިންގަން ފާށާފައިވާއިރު، ރާއްޖެ ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.