ބައްޕައަކީ މިއަދާ ހަމައަށް އޭނާ ބުނި ކޮންމެ ކަމެއް ކޮށްދިން މީހެކެވެ. ނަމަވެސް މިހާތަނަށް ބައްޕަމެން އޭނާ ކައިރީގައި އެދުނީ އެންމެ ކަމަކުއެވެ. އެއީ ރަނާއާ ކައިވެނިކުރުމެވެ. އެކަމަކު އެކަންވެސް ހިތުން ރުހުމުން އޭނާއަށް ކޮށްދެވެން ނެތް ވާހަކަ ބުނެފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ބައްޕަމެންގެ ރުހުން އޭނާއަށް ވަރަށް މުހިންމެވެ. ދިރިއުޅުމުގައި މިހާ ހިސާބަށް އޭނާއަށް އާދެވިފައި އެހުރީ އެމީހުންގެ ސަބަބުންކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
އާރިމް އޮފީހަށް ގޮސް ބައްޕަގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަނެވެ. އޭރު ސިރާޖު އިނީ ފައިލެއް ހުޅުވައިގެން އެއަށް ނަޒަރު ހުއްޓާލައިގެންނެވެ. ނަމަވެސް އާރިމް ވަތް ތަން ފެނިފައި އޭނާ ފައިލު ލައްޕާލާފައި ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ. އޭރު އާރިމްގެ ހިތް ނެގިނެގިފައި ޖެހެއެވެ.
"ދެން ބުނަންވީނު ތި ވެގެން އުޅޭ ގޮތެއް؟" އާރިމްއާ ހަތަރުކަޅި ހަމަކޮށްލަމުން ސިރާޖު ސުވާލުކޮށްލިއެވެ. އެވަގުތުވެސް އެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ.
ސިރާޖުގެ ސުވާލު ނިމުމާއެކު އާރިމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ދެން އިތުރަށް ސިއްރުކޮށްގެން ވާން ނެތްކަން އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެހެންކަމުން ހިތްވަރުކޮށްފައި ވާހަކަދައްކަން ފެށިއެވެ. ނަޝާ އެންމެ ފުރަތަމަ ފެނުނު ވަގުތުގެ ވާހަކައެވެ. އަދި އެވަގުތުން ފެށިގެން ހިތުގައި ލޯބި އަށަގަތް ގޮތުގެ ވާހަކައެވެ. އެއަށްފަހު އެއީ ޔާސީންގެ ވާން އުޅޭ އަނބިމީހާކަން އެނގުނު ހިސާބާއި ފަހުން ނަޝާއާ ބައްދަލުވި ގޮތުގެ ވާހަކައެވެ. އަދި މިއަދާ ހަމައަށް ދެން ހިނގާ ދިޔަ ކަންތައްތަކުގެ ތަފްސީލެވެ. އެ ހުރިހާ ވާހަކައެއް ދެއްކިއިރު އާރިމް އިނީ އިސްދަށަށް ޖަހާލައިގެންނެވެ.
"ނިމުނީތަ؟" އާރިމް ވާހަކަ ދައްކާ ނިންމުމަށްފަހު އިސްއުފުލާލާ ސިރާޖުއާ ދިމާއަށް ބަލާލުމުން ސިރާޖު ކޮށްލީ ސުވާލެކެވެ. އެ ސުވާލުން ބައްޕަ އިތުރަށް ނުރުހިއްޖެކަން އާރިމްއަށް ނަގައިގަނެވުނެވެ.
"އާރިމް ހީކުރަނީ ދިރިއުޅުމަކީ ކުޅޭ ކުޅިވަރެއްކަމަށްތަ؟ ރަނާއާމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ ނޫނީ އާރިމްގެ މައިންބަފައިން ދެކޭނެ ގޮތަކާމެދު ވިސްނާލިންތަ؟ އަހަރެމެން އާރިމް ބުނިހާ ކަމެއްކޮށްދީގެން ބަލާ ބޮޑުކުރީމަ ހަދަން އެނގުނު ގޮތަކީ ތިއީތަ؟ އެންމެން ކުރިމަތީގައި އަހަރެމެން ފަޟީޙަތްކޮށްލީމަތަ އާރިމް ހިތްހަމަ ޖެހޭނީ؟" ސިރާޖުގެ އަޑުގައި އެކުލެވިގެންވަނީ ހަރުކަށިކަމެވެ. އާރިމް އެކަމާ ވަރަށް ދެރަވެސްވިއެވެ. ބައްޕައަކީ ދުވަހަކުވެސް އޭނާއާ އެގޮތަށް ވާހަކަދެއްކި މީހެއް ނޫނެވެ.
"ހުރިހާ އެންމެންނާމެދުވެސް ވިސްނިން. ރަނާ ދެކެ ލޯބިވެވޭތޯ ވަރަށް މަސައްކަތްވެސް ކުރިން. އެކަމަކު ކާމިޔާބެއް ނުވި. އެހެން މީހުން ބޭނުންވާގޮތަށް ހަދައިގެން އަހަރެންނަށް އޮތީ ކޮން ހިތްހަމަޖެހުމެއް؟ މިއީ އަހަރެންގެ ދިރިއުޅުން. ބައްޕަމެން ބޭނުންވާތީ އަހަންނަށް ރަނާއާ އިނދެވިދާނެ. އެކަމަކު އެދުވަހަށްފަހު މުޅި އުމުރަށްވެސް އަހަރެންނަށް ބައްޕަމެން ކުށްވެރިކުރެވޭނެ. އެއީތަ ބައްޕަ ބޭނުންވާގޮތަކީ؟" އާރިމްއަށް ހިތްވަރު ލިބުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އަމިއްލަ އުފާތައް ހާސިލްކުރުމަށްޓަކައި އެންމެ ފަހު ވަގުތާ ހަމައަށްވެސް ވަކާލާތުކުރުމަށް އެވަގުތު ހިތް އެދި ގޮވަމުންދިޔައެވެ.
"އެކަމަކު އާރިމް ވިސްނާލަބަލަ! މިހާރު ކައިވެނީގެ ހުރިހާ ކަމެއް އެހެރީ ތައްޔާރުވެފަ. ރަނާ އެވަނީ ހުރިހާ އެއްޗެއްވެސް ގަނެ ނިންމާފަ. ކާޑުތައް އެހެރީ ބަހަން ތައްޔާރަށް. ދެން ބައްޕަ ޙަމީދުބެ ކައިރީ ބުނާނީ ކީކޭ؟" އާރިމް ދެއްކި ވާހަކަތައް އަޑުއަހަން އިނުމަށްފަހު ސިރާޖު ބުންޏެވެ. އޭރު އެ އަޑުގައި ކުރިން ހުރި ހަރުކަށިކަމެއް ނެތެވެ. ނަމަވެސް މުނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ.
"އެކަން ބައްޕަ އަހަންނަށް ދޫކޮށްލާ. ރަނާއަށް ދެރައެއް ދޭކަށް އަހަރެންވެސް ބޭނުމެއް ނޫން. ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު ރަނާ ދެއަނތްބަށް އިނދެގެން އުޅެން ތައްޔާރަށް ހުރީއްޔާ އަހަރެން އެކަން ކޮށްދޭނަން. އެކަމަކު ރަނާއަށްވެސް އަދި ބައްޕަމެންނަށްވެސް އެނގެންވާނެ އަހަރެން ލޯބިވަނީ ނަޝާދެކެކަން." އާރިމް ނިންމާފައިވާ ގޮތް ބައްޕައާ ހިއްސާކުރިއެވެ.
މަންމައަށްވެސް އާރިމް ވިސްނައިދިނީ ބައްޕައަށް ވިސްނައިދިން ގޮތަށެވެ. އާރިފާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އާރިމް އެދުމުން އޭނާގެ އުފަލަށްޓަކައި އެންމެފަހުން އާރިމްގެ ނިންމުމާ އެއްބަސްވިއެވެ.
"ހިތްހަމަ ނުޖެހިފަތަ؟" މެންދުރު ކައިގެން އާރިމް ކޮޓަރީގައި އޮއްވާ ނަޝާގެ މެސެޖެއް ލިބުނެވެ.
"ކީއްވެ ތިހެން ތިބުނީ؟" ނަޝާ ކުރި ސުވާލުގެ ރައްދުގައި އާރިމްވެސް ކޮށްލީ ސުވާލެކެވެ.
"ކީއްވެ ކުރިން ފޮނުވި މެސެޖަށް ޖަވާބު ނުދިނީ؟" ނަޝާވެސް އަނެއްކާ ކޮށްލީ ސުވާލެކެވެ. އެ މެސެޖު ފެނިފައި އާރިމްއަށް ހިނިތުންވެލެވުނެވެ.
"އަހަރެން މިސްވީތަ؟" ނަޝާގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އާރިމް ސަމާސާއެއްކޮށްލިއެވެ.
"ނޫން. ހީކުރީ އާރިމް އަހަރެންދެކެ ރުޅުއައީކަމަށް. ސޮރީ." ނަޝާގެ ޖަވާބު ފެނިފައި އާރިމް ކުއްލިއަކަށް ނަޝާގެ އަޑު އަހާލާހިތްވިއެވެ. އެހެންކަމުން ވަގުތުން ނަޝާގެ ނަންބަރަށް ގުޅާލިއެވެ. އެއްފަހަރު ރިންގްވާއިރަށް ނަޝާ ފޯނު ނެގިއެވެ.
"އަހަރެން ނަޝާދެކެ ދުވަހަކުވެސް ރުޅިއެއް ނާންނާނެ. އެއަށްވުރެ ބޮޑަށް ލޯބިވޭ. ކުޑަ ކަމެއްގަ އުޅުނީމަ ޖަވާބު ނުދެވުނީ. ޒޫނައްތަ ކައިރީ އަހަރެން ބުނިން ކަމެއް ބޭނުންވެއްޖެއްޔާ އަންގާލަން. މިރޭ ދާނަން. އައި ލަވް ޔޫ." ފޯނު ނަގާފައި ނަޝާ އަނގައިން ބުނޭތޯ ބަލަން ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އާރިމް ވާހަކަދައްކަން ފެށިއެވެ.
"އޯކޭ." އާރިމްގެ ވާހަކަ ނިމުމާއެކު ނަޝާ ބުނެލީ ހަމައެކަނި އެހެންނެވެ. އެއަށްފަހު ފޯނު ކަނޑާލިއެވެ. ނަޝާއަށްވީގޮތް އާރިމްއަށް އެނގުނެވެ. އެހެންކަމުން އޭނާއަށް ހީގަނެވުނެވެ.
ހަވީރު އާރިމް ދިޔައީ ރަނާއާ ބައްދަލުކުރާށެވެ. އާރިމް ރަނާ ގޮވައިގެން ދިޔައީ ތަންކޮޅެއް މީހުން މަދުން ގޮސް އުޅޭ ރެސްޓޯރެންޓަކަށެވެ.
"އާރިމް މިއަދު ހާދަ ތަފާތުހެން ހީވެޔޭ. އެހެންނޫނީ ދުވަހަކުވެސް އިސްވެ ބައްދަލުކުރާކަށް ނުބުނޭ." ގޮނޑީގައި ހަމަޖެހިލުމަށްފަހު ރަނާ ވާހަކަދައްކަންފެށިއެވެ.
"ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފަ އޮތީމަ މި ބައްދަލުކޮށްލީ." ހިނިތުންވެލާފައި އާރިމް ބުންޏެވެ.
އެއަށްފަހު ރަނާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލާފައި އާރިމް ނަޝާގެ ވާހަކަ ކިޔައިދޭންފެށިއެވެ. ވަކި ހިސާބަކަށް ވާހަކަ ދިޔަތަނާ ރަނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިތަން އާރިމްއަށް ފެނުނެވެ. ނަމަވެސް އާރިމް ހުއްޓާލީ ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހުގައެވެ.
"ރަނާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫން. ނަޝާ ބުނީ ރަނާ ބޭނުން ނޫނިއްޔާ އަހަންނަކާ ނީންނާނަމޭ. ރަނާ ބޭނުމީއްޔާ ދެއަނތްބަށް އިންނަންވެސް އޯކޭއޯ." އެހިސާބަށް ބުނުމަށްފަހު އާރިމް ވާހަކަ މެދުކަނޑާލިއެވެ. އެވަގުތު ރަނާ ގަދަކަމުން ހިނިތުންވެލިއެވެ.
"އެންމެ ފުރަތަމަ އާރިމް ނަޝާއާ އެކު ހޮސްޕިޓަލުން ފެނުނު ދުވަހުވެސް އަހަންނަށް ފާހަގަވި އާރިމް ނަޝާއާ ދިމާއަށް ބަލާލި ގޮތް. އެއީ ވަރަށް ތަފާތު ބެލުމެއް. އޭގެ ފަހުންވެސް އާރިމް އެގޮތަށް ނަޝާއަށް ބަލާކަން އަހަންނަށް ފާހަގަކުރެވުނު. އެއީ އާރިމް އަހަންނާ ދިމާއަށް ބަލަން ބޭނުންވިގޮތް. އެކަމަކު މިހާރު އެނގިއްޖެ އެހެން ނުވާނެކަން." ލޮލުން ވެއްޓެން ތައްޔާރުވެފައި އިން ކަރުނަ ތިއްކެއް ޓިޝޫއަކުން ފޮހެލަމުން ރަނާ ބުންޏެވެ.
"ޕްލީޒް ޑޯންޓް ކްރައި! ވަރަށް ބޮޑަށް ސޮރީ. ރަނާ ތިއީ ވަރަށް ރަނގަޅު ކުއްޖެއް. އަހަރެން ވަރަށް ޓްރައި ކުރިން ރަނާދެކެ ލޯބިވެވޭތޯ. އެކަމަކު......." އާރިމްގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އެވަގުތު އެތަނަށް ވެއިޓަރަކު އައިސް ހުއްޓުމުންނެވެ. ދެމީހުންވެސް އޯޑަރުދިނީ ކޮފީއަކަށެވެ. އޯޑަރު ނަގައިގެން ވެއިޓަރު ދިއުމުން އަނެއްކާވެސް އާރިމް ވާހަކަ ދައްކަން ފެށިއެވެ.
"ރަނާ ބޭނުމިއްޔާ އަހަރެން ރަނާއާވެސް ހިތުން ރުހުމުން އިންނަން މިހުރީ ތައްޔާރަށް. އެކަމަކު އަހަރެން ބިރުގަނޭ ދެމީހުންނަށް ހަމަހަމައަށް ކަންތައް ނުކޮށްދެވިދާނެތީ. އޭރުން އަނެއްކާ ރަނާގެ ހިތުގަ ޖެހުން ނޫންކަމެއް ނުވާނެ. އެއީ އިންސާފެއް ނޫންކަން އަހަންނަށް އެނގޭ. އެކަމަކު އަހަންނަކީވެސް އިންސާނެއް. އެންމެންވެސް ޤަބޫލުކުރަންވާނެ އަހަންނަށްވެސް ބުރަވެވޭނީ ހިތް އެދޭ ކޮޅަކަށްކަން. އެ ހުރިހާ ކަމަކަށް ރަނާއަށް ކެތް ކުރެވެންޏާ އަހަންނަށް ހަމަ އޯކޭ. މިހާރު ފައިނަލްވެފަ އޮތް ތާރީޚުގަ ކައިވެނި ކުރަންވީ." ރަނާއާ ހަތަރު ކަޅި ހަމަކޮށްލައިގެން އިނދެ އާރިމް ވާހަކަދެއްކިއެވެ. އޭރު ރަނާގެ ދެލޮލުން ފާޅުވާންހުރި ވޭން އާރިމްއަށް ރީއްޗަށް ފެނުނެވެ. އެއީ އާރިމްއަށް އައު އިޙުސާސްތަކެއް ނޫނެވެ. މިއަދާ ޖެހެންދެން އާރިމްވެސް އުޅުނީ އެފަދަ ޙާލެއްގައެވެ. ނަމަވެސް މިހާރު ރަނާ ކައިރީގައި އެވާހަކަތައް ނުދައްކައިފިނަމަ ފަހުން ރަނާ ވާނެ ދެރަ މާ ބޮޑުވާނެއެވެ.
"މިރޭ ޖަވާބެއް ދިނަސް އޯކޭތަ؟" އާރިމްގެ ލޮލަށް ބަލަން ނުކުޅެދިގެން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަމުން ރަނާ ބުންޏެވެ. ރަނާ ކުރި ސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން އާރިމް ބޯޖަހާލިއެވެ.
ރޭގަނޑު އަށެއް ޖެހި އިރު އާރިމް އިނީ ނަޝާ ކައިރީގައެވެ. ނަޝާ އޮތީ ފޯނުން އެއްޗެއް ބަލަން ކަމަށް ހަދައިގެންނެވެ. ނަމަވެސް އާރިމް އިނީ ނަޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އާރިމް ވާހަކަދައްކަން ފެށިއެވެ.
"ރަނާ ބުނި މިރޭ ޖަވާބެއް ދޭނަމޭ. ބައްޕައާ މަންމައާވެސް ވާހަކަ ދައްކައިފިން. އެމީހުން ބޭނުންވަނީ އަހަރެން އުފަލުގަ އުޅެން." މިއަދު ހިނގާދިޔަ ކަންތައްތަކުގެ ޚުލާސާއެއް އާރިމް ދިނެވެ.
"އޯކޭ." އާރިމް ވާހަކަ ދައްކާ ނިމުމުން އެ އޮތްގޮތަށް ފޯނަށް ބަލަން އޮވެގެން މަޑުމަޑުން ނަޝާ ބުންޏެވެ.
"ނަޝާ! މިކޮޅު ބަލާލަބަލަ ޕްލީޒް!" އެނދުގެ ބޯލާކޮޅާ ކައިރިއަށް ގޮނޑި ދަމާލަމުން އާރިމް ވަރަށް ލޯބިން ނަޝާއަށް ގޮވާލިއެވެ. އެވަގުތު ނަޝާ ފޯނު ތިރިކޮށްލާފައި އާރިމްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ރަނާ އޯކޭ ނުވީއްޔާ ނަޝާ ހަމަ އަހަންނާ ނީންނާނަންތަ؟" ދެރަވެލާފައި އާރިމް ސުވާލުކޮށްލިއެވެ. އެ ދެލޮލުން ފެންނަން ހުރި އަސަރުން ނަޝާގެ ހިތުގައި ރިއްސާލިއެވެ.
"ރަނާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫން." އަނެއްކާވެސް ފޯނުގެ ސްކްރީނަށް ބަލާލަމުން ނަޝާ ބުންޏެވެ.
އެ ޖަވާބު އަޑު އިވުމުން އާރިމް އިސްދަށަށް ޖަހާލިއެވެ. އާރިމްގެ ފޯނު ރިންގުވާންފެށީވެސް އެވަގުތުއެވެ. ބަލާލިއިރު ގުޅަނީ ރަނާއެވެ. އެހެންކަމުން އާރިމް ކޮޓަރިން ނުކުމެފައި ފޯނު ނެގިއެވެ.
ދޮޅުމަސް ފަސް
ގޭތެރޭގެ އެތަންމިތަން ވަނީ ޒީނަތްތެރި ކުރެވިފައެވެ. މުޅި މާޙައުލު އޮތީ މާމެލާމެލީގެ މީރު ވަހުން އެއްވަސްވެފައެވެ. ކެއުން ތައްޔާރުކުރެވިފައިވާ މޭޒު ކައިރީގައި ތަށިތައް ތަޅުވާ އަޑު އިވެމުން ދިޔައެވެ. އާރިމް އިނީ ކައިވެނި ކޮށްދޭ ގަޑީގައި މީހުން އިށީނުމަށް ހަމަޖެހިފައިވާ މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އޭރު އާރިމްގެ ޢާއިލާގެ އެންމެ ގާތް މީހުން އެތަނަށް އެއްވަމުން ދިޔައެވެ. އެންމެންވެސް ތިބީ ވަރުގެކޮޅަށް ނަލަހެދިގެންނެވެ. އޭރު ދެހެކެވެރިންވެސް މޭޒުކައިރީގައި އޮލަ ވާހަކައެއްގައި ތިއްބެވެ. އާރިމް އިނީ އިސްދަށަށް ޖަހާލައިގެންނެވެ. އެހެން އިންދާ ގޭ މައި ދޮރުން ބަޔަކު އެތެރެއަށް ވަންނަ އަޑު އިވިގެން އާރިމް އިސް އުފުލާ ބަލާލިއެވެ. އޭރު ރަނާއާއި އޭނާގެ ބައްޕަ އެތެރެއަށް ވަދެގެން އަންނަނީއެވެ. އިރުކޮޅަކުން އެތަނަށް ހާޒިރުވާންޖެހޭ އެންމެން އައިސް ގޮނޑިތަކުގައި އިށީނދެ ހަމަޖެހުނެވެ. ދެން އިވިގެންދިޔައީ ގާޒީގެ އަޑެވެ.
"އަނބި ޤަބޫލުކޮށްފިން." އެ ލަފްޒުތައް އާރިމްގެ ދުލުން ނުކުތީ ހީކުރިވަރަށްވުރެ މަޑުންނެވެ. އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. ނަމަވެސް އެވަގުތު މާޙައުލުން އިތުރު އެއްވެސް އަޑެއް ނުއިވޭތީ އެންމެންނަށްވެސް އާރިމްގެ އަޑު ވަރަށް ރީއްޗަށް އިވުނެވެ.
ކައިވެނިކޮށްދީ ނިމުމުން އެންމެން އައިސް ދެމަފިރިންނާ ސަލާމްކޮށް މަރުޙަބާ ކިޔަންފެށިއެވެ. ރަނާވެސް ހިނިތުންވެލައިގެން ހުރެ އައިސް އާރިމްއާ ސަލާމްކޮށްލިއެވެ. އެވަގުތު އާރިމް މަޑުމަޑުން ޝުކުރިއްޔާއޭ ބުނެ ރަނާއާ ދިމާއަށް ބަލާލީ ޝުކުރުން ފުރިގެންވާ ގޮތަކަށެވެ. އާނއެކެވެ. މިރޭ އެންމެ ކައިރީގައި އޭނާ އެންމެ ލޯބިވާ އަންހެންކުއްޖާ، ޙަލާލު އަނބިމީހާގެ ގޮތުގައި އެހުރީ ރަނާގެ ސަބަބުންކަމުގައި އާރިމް ދެކެއެވެ. އާރިމްގެ އުފަލަށާއި އަމިއްލަ ކުރިމަގަށް ވިސްނާފައި ރަނާ އާރިމްއާ ކައިވެނި ނުކުރަން ނިންމީ ފަހުން ލިބޭނެ ދެރަ މާ ބޮޑުވާނެކަން އެނގޭތީއެވެ. ރަނާ އޭނާގެ ބައްޕައަށްވެސް އަދި ނަޝާއަށްވެސް ވިސްނައިދިނީ އެގޮތަށެވެ. ރަނާ ލޯބިވާތީ އާރިމްއާ އިނދެވިދާނެއެވެ. ނަމަވެސް އޭގެ ފަހުން އާރިމްގެ ފަރާތުން އޭނާ ބޭނުންވާ ކަންތައްތައް ނުފުދޭކަމުގައިވާނަމަ މާ ހިތްދަތިވާނެއެވެ. އެހެންކަމުން ލޯބިވާ ދެމީހަކު އެކަކު އަނެކަކާ ގުޅުން މާ ރަނގަޅުވާނެކަމުގައި އޭނާއަށް ޤަބޫލުކުރެވުނެވެ. އޭނާއަށް އާރިމްއާ ނުއިނދެވުނީ ތަޤުދީރުގައި އެކަން ލިޔެވިފައި ނެތީމައެވެ. އޭނާއަށްޓަކައި އަދި އެއަށްވުރެ މާ ރަނގަޅުގޮތެއް ފަހުން ވާން އޮތީއެވެ.
ފޮޓޯ ނެގުމަށްޓަކައި އެކަމަށް ތައްޔާރުކުރެވިފައިވާ ތަނަށް އާރިމް ދިޔައީ ނަޝާގެ އަތުގައި ހިފާލައިގެންނެވެ. އޭރު ނަޝާގެ ދަރިފުޅު ޔޫސުފް އަތްމައްޗަށް ލައިގެން އާރިމްގެ މަންމަ އެތަނުގައި ހުއްޓެވެ. ދެމަފިރިން ގޮސް ހުއްޓިލުމާއެކު އާރިފާ ނަޝާގެ އަތަށް ޔޫސުފް ދިނެވެ. އަދި އަވަހަށް ފޮޓޯ ނަގާ ނިންމާފައި ދަރިފުޅު ކޮޓަރިއަށް ގެންދަން ދޭށޭ ބުންޏެވެ. އެމަންޒަރު ބަލަން އާރިމް ހުރީ ހިނިތުންވެލައިގެންނެވެ. އޭނާގެ އުފަލަށްޓަކައި މަންމައާއި ބައްޕަ އެވަނީ ނަޝާއާއި ނަޝާގެ ދަރިފުޅު ހެޔޮހިތުން ބަލައިގަނެފައެވެ.
"މާމަގެ ދަރިފުޅަށް ރޮވުނީތަ؟ އަވަހަށް ހިނގާ ކޮޓަރިއަށް ދާން." ކެމެރާގެ ފްލެޝް އެޅުމާއެކު ޔޫސުފް ރޯން ފެށުމުން އާރިފާ ބުންޏެވެ. އަދި އަވަހަށް ނަޝާގެ އަތުން ޔޫސުފް ނަގައިގެން ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ.
މިރެއަކީ އާރިމްގެ ޙަޔާތަށް މިހާތަނަށް އައި އެންމެ އުފާވެރި ރެޔެވެ. މިހާރު އޭނާ ހޭދަކުރަމުން އެދާ ވަގުތުތަކަކީ ޙަޤީޤަތަކަށް ވެދާނެކަމަށް ކުރިން ހިތަށްވެސް އަރާފައިނުވާ ވަގުތުތަކެކެވެ. ނަޝާގެ ލޯބި އޭނާއަށް ލިބުނީ އެތައް ދުވަހެއްގެ އިންތިޒާރުތަކަކަށް ފަހުގައެވެ. އެދުވަސްތަކުގައި އެތައް އިމްތިޙާނަކާ އޭނާ ކުރިމަތިލާންޖެހުނެވެ. އެ ހުރިހާ ކަމަކަށް ކެތްތެރިވެ، ކުރިމަތިވި ހުރިހާ ދަތިތަކަކާ އޭނާ ކުރިމަތިލީ ވަރަށް ކެތްތެރިކަމާއެކުގައެވެ. އޭގެ މޭވާ ލިބުނީ ވަރަށް ފޮނިކޮށެވެ. ލޯބީގެ ބަދަލުގައި ލޯބި ލިބިގެންނެވެ.
(ނިމުނީ)




