އަބްދުއްރަޙީމް އަބްދުﷲ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ | ފޮޓޯ: މިހާރު

ހޯރަ އިއްބެ މިނިވަންކުރިއިރު، ރައީސް ޔާމީން މިނިވަން ނުކުރާތީ އަދުރޭ ކަންބޮޑުވުން ފާޅުކޮށްފި 

ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރިނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރައްވާތީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފް ދެވޭ ކުށަކަށް ނުވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އޭނާގެ އަދަބު ލުއިކޮށްދިނީ 2018 ވަނަ އަހަރު ބާކީ ފަސް އަހަރު އޮއްވަ އެވެ. އަދަބު ލުއިކޮށްދިނީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މައާފްވާ ގޮތަށެވެ.

އަދުރޭ މިފަދައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން، އެއްވެސް ޑީލެއްގެ ދަށުން ދޫކުރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް ލުޔެއް ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ ކޯޓު މަރުހަލާތައް ނިމުމުން ކަމަށް ރައީސް ޞާލިހް އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

"ރައީސް ޞާލިހްގެ ވެރިކަމާ ހަވާލުވެފައި ހޯރަ އިއްބެ ދޫކޮށްލީ މިސްކިތުގެ މަލިން ކުނާ މަތީގައި ނިދާފައި އޮށްވާތޯ؟" އަދުރޭ އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ހުކުމް ތަންފީޒުކުރާ މީހުންނާ މެދު ގައުމުގެ ވެރިޔާ އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ގޮތްތައް ގާނޫނުތަކުގައި ލިއެފައި އެބަ އޮތް ކަމަށާއި މިހާރު ގާނޫނީ ގޮތުން ރައީސަށް މާފެއް ނުދެއްވޭ ކަމަށާއި ދެއްވޭނީ ލުޔެއް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އެ ލުއި ދެއްވުމާ ހިސާބަށް ދެވޭނީ ކޯޓުތަކުން ހުރިހާ މަރހަލާއެއް ނިމުމުންނެވެ.

"ރައީސް ޔާމީންގެ އެއް މައްސަލަ އެ އުޅެނީ ހައި ކޯޓުގައި، އަނެއް މައްސަލަ ދަށު ކޯޓުގައި. އެހެންވީމަ އަޅުގަނޑަށް ރައީސް ޔާމީންގެ މައްސަލައާ ބެހޭ ގޮތުން ކަމެއް ކުރެވޭނީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިމުނީމަ،" ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ