ޣައްދާރުންއަރާ ޤައުމީ ދުވަސް ފާހަގަކުރަން ދައްކާނެ ވާހަކައެއް ނޯންނާނެ: އަދުރޭ

ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ އުތީމު މުހައްމަދު ތަކުރުފާނު ދިވެހި ގައުމަށްޓަކައި ޖިހާދު ކުރައްވާ ވަރަށް ވަރުގަދަ އިސްތިއުމާރީ ބާރެއްގެ ދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް ކަމަށާއި އެދުވަސް ފާހަގަކުރަން ޣައްދާރުންއަރާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގައުމާ މުޚާތަބް ކުރައްވަން ހަމަޖެހިފައިވާއިރު އެކަމަށް ރައްދު ދެއްވާ އަދުރޭ ވިދާޅުވީ ދިވެހި ރާއްޖޭގެ ގައުމީ ދުވަހު ދިވެހިރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަން އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ލަދުފުޅު ގަންނަވަން ޖެހޭނެ ކަމަށެވެ.

"އިބްރާހީމް މުޙައްމަދު ސާލިހެކޭ ތުއްފާރަނާއެކޭ އެއްވެސް ތަފާތެއް ނެތް. ހަމަ ހަގީގަތުގައިވެސް އިބްރާހީމް މުހައްމަދު ސާލިހާއި ކެނެރީގޭ މުހައްމަދު ނަޝީދު އަޅުގަނޑަށް ސިފަކުރެވެނީ މީދޫ ތަކުރާ މީދޫ ތަކުރުގެ ދަރި ތުއްފާރަނާ ހަސަނާ ދެމީހުންގެ ގޮތުގައި. އެއީ އަނދިރިއެއް އައްޔެއް ނެތް އެމީހުންނަކަށް. ވެރިކަމުގައި ތިބެވިއްޖާ ހެޔޮ. ބާރާ އާރާ އޮތިއްޔާ އެންމެ ރަނގަޅު. އެމީހުން ބުނެއުޅުނީ ތިމަންނަމެންނަށް މައްލައެއްނެތޭ ދިވެހިން ނޫނަކަސް. ތިމަންނަމެންނަށް ވެރިކަން އޮވެއްޖިއްޔާ ހެވޭ. އެހެންވީމަ އެވަރުގެ ބަޔަކު އަރާ ދައްކާނެ ގައުމީ ވާހަކައެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން. " އަދުރޭ ވިދާޅުވިއެވެ.

ގައުމީ ދުވަހު އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަންވީ ދެވަނަ ކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށްދެއްވި އަދި ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެބޮޑު ގުރުބާނީއެއްވެ ވަޑައިގެންނެވި، ދިވެހިންނަށް ދިވެހި ރާއްޖޭގައި ދިވެހިންގެ ވެރިކަމެއް ކޮށްދެއްވި ރައީސް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރުން މިހާރަށް ދޫކޮށްލެއްވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ރައީސް ޔާމީނަށް ކަފާލާތު ލިބިދާނެ ކަމަށް އިންތިޒާރު ކުރިކަމަށާއި ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ފަދައިން ކަފާލާތު ދޭންވީ ވަގުތު ފާއިތުވެ ހިނގައްޖެ ކަމަށެވެ. 2 އަހަރު ދުވަސް އަނިޔާ ދީފައި ދެން ކޮންމެހެން ކަފާލާތެއް މުހިއްމު ނޫން ކަމަށާއި ބޭނުންވަނީ ރައީސް ޔާމީންގެ ޝަރީޢަތް ވީހާވެސް އަވަހަށް ނިމިގެން ދާންކަމަށް އަދުރޭ ވިދާޅުވިއެވެ. ހައްގުގެ މަގަށް މާތްﷲ އަބަދުވެސް ނަސްރު ދެއްވާނެ ކަމަށާއި ރައީސް ޔާމީނަށްވެސް މާތް ﷲ ނަސްރު ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ