އަންނަ ހޮނިހިރު ދުވަހު ސަލްޓަން ޕާކު އާއްމުންނަށް ހުޅުވާލާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮވިޑާއި ގުޅިގެން ބަންދުކޮއްފައި އޮތުމަށްފަހު، މި ޕާކް ހުޅުވަން ނިންމާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށެވެ. މާލެސިޓީ ކައުންސިލުން ވިދާޅުވީ ސަލްޓަންޕާކް މިވަގުތު ހުޅުވަނީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެންކަމަށާއި ޕާކްތަކަށް ކުޑަކުދިން ގެންދިޔުމާ ގުޅޭގޮތުން އެޗްޕީއޭއިން ވަކި ގޮތެއް އެންގުމުން އެ ފުރުޞަތުވެސް ހުޅުވާލާނެކަމަށެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ ސަލްޓަން ޕާކް އަލުން ހުޅުވަނީ މަރާމާތަށްފަހު ކަމަށާއި އެތަނުގައި ހަލާކުވެފައިވާ ގަސްތައް ނަގާ އެހެންގަސްތައް ހެއްދުމުގެ މަސައްކަތްވެސް ކުރަމުންއަންނަކަމަށެވެ. އަދި މިވަގުތު އެޕާކް ހުޅުވަނީ ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުކަމަށެވެ.
ސަލްޓަން ޕާކު ވީރާނާވާން ދޫކޮށްލާފައިވާކަމަށް ގިނަ ބަޔަކު ބުނާ ބުނުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު ސިފާ ވިދާޅުވީ، ސަލްޓަން ޕާކު ވީރާނާވާން އެއްއިރަކުވެސް ދޫކޮށްލާފައި ނުވާނެ ކަމަށެވެ.
ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު (މާސްކް އެޅުން، މަދުވެގެން 3 ފޫޓު ގައިދުރުމިން ބެހެއްޓުން، ޢަތުގެ ސާފުތާހިރުކަން) ފަދަ ކަންކަން ޕާކު ނުވަތު މައިޒާނަށް ވަންނަ ދޮރު ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.



