ދިވެހިރާއްޖެ އޮތީ އަޅުވެތިވެފައި ކަމަށާއި އަދި ދިވެހިންގެ މިނިވަންކަން ގެއްލިފައިވާކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް، އިދިކޮޅު ފަރާތްތަކުން ރާއްޖެ ވިއްކާލިކަމަށް ދައްކާ ވާހަކައަކީ ދޮގެއްކަމަށް ދޭހަވާ ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ފުޅު ދެއްކެވުމާއި ގުޅިގެންނެވެ.
އެގޮތުން ޑރ. އިޔާޒް ވަނީ އެމީހެއްގެ މައިން ބަފައިންވެސް އޭނާގެ ހެކިބަސް ގަބޫލު ނުކުރާ ވަރުގެ މީހަކު އައިސް ރާއްޖޭ ވިއްކާލައިފިޔޭ ބުނީމަ ގަބޫލު ކުރާނީ ކިހިނެތްތޯ ސުވާލު ކުރައްވާފައެވެ.
ޑރ. އިޔާޒްގެ މިވާހަކަފުޅާއި ގުޅިގެން ޝޫޖައު ވިދާޅުވެފައި ވަނީ ރާއްޖެ އޮތީ އަޅުވެތިވެފައި ކަމަށާއި، ދިވެހިންގެ މިނިވަންކަން ވަނީ ގެއްލިފައި ކަމަށެވެ. "ދިވެހިން ވަނީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް މި ސަރުކާރުން ވަދަލުކޮށްފަ" ޝުޖާޢު ވިދާޅުވެފައިވެއެވެ.
އަދި މިކަމުގައި މިފަދަ އިލްމުވެރިންގެ ދަޢުރުވެސް އެބައޮތް ކަމަށް ޑރ. އިޔާޒްގެ ވާހަކަ ފުޅަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި އިންޑިއާއިން އަންނަނީ ރާއްޖެ އަޅުވެތި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެހެން ކަމުން ރާއްޖެ ވިއްކުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ކެމްޕެއިން ކުރަމުންނެވެ.



