ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް(ވެމްކޯ)އަށް މާލެ ސިޓީ ފޮޅާ ސާފުކުރަން ދީފައިބާއްވައިފިނަމަ މާލެ ކުނިވެދާނެ ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ހުޅުމާލޭ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ، މާލެ ގޭބިސީތަކުން ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެނައުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާ ނުކުރާކަމަށް ބުނެ ވެމްކޯއިން ނެރުނީ ދޮގު ބަޔާނެއްކަމަށް މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
މުއިއްޒު ވިދާޅުވީ، ކޮވިޑާ ގުޅިގެން ގޭބިސީތަކުން ބޭރަށް ކުނި ނެރުމަށް ވެމްކޯއިން އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސް، ކުރިންވެސް މާލޭ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއިން ކުނި ނަގާގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ. އަދި މުއިއްޒު ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ވެމްކޯއިން، ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 16، 2020 އިން ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލު ބަދަލުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.
"މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުން ދިއުމާއި ގުޅިގެން މިކަމަށް ރިއާޔަތްކޮށް މި ކޯޕަރޭޝަނުން ގޭބީސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލު ގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް މި ކޯޕަރޭޝަނުން ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާނު ކުރެވޭނެ ވާހަކަ ދަންނަވަމެވެ،" ވެމްކޯއިން ނެރުނު ބަޔާނުގައި ވިދާާޅުވިއެވެ.
މި ކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ، މާލެ ސިޓީ ފޮޅާ ސާފުކުރަން ވެމްކޯ އާއި ހަވާލުކޮށްފައި ބާއްވައިފިނަމަ މާލެ ކުނިވެދާނެ ކަމަށާއި، ބުއްދިވެރި ގޮތަކީ، މާލެ ސިޓީ ކައުންސިލުން އެކަން ކުރުން ކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވަނީ، މީގެ ކުރިންވެސް މާލެ ސިޓީ ކުނިކުރީ އެމްޑީޕީއިން ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި ކުނި އުކާ ސާފުކުރުމަކީ ދިވެހި ޒުވާނުންނަށް ވެސް ކުރެވޭނެ ކަމެއްކަން ސާބިތު ކޮށްދެއްވީ ރައީސް ޔާމީން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ވެމްކޯއިން ނެރުނު މި ބަޔާނާއި ގުޅިގެން، މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދާއި އަދި އެ ކުންފުނީގެ ޓީމާއެކު ކުނި ނެގުމުގެ އުސޫލަށް ބަދަލު ގެނައުމާއި ގުޅިގެން މަޝްވަރާގެ މީޓިންއެއްވެސް ބޭއްވި ކަމަށާއި، އަދި އެ އުސޫލަށް ބަދަލު ގެންނަނަށް އެއްބަސްވެސް ވި ކަމަށެވެ. އަދި އެ ކަން ދޮގުކޮށް ދޮގު ބަޔާނެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައިވެސް މުއިއްޒު ވިދާޅުވިއެވެ.



