ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ދަރަނި ދެއްކުން އަންނަ އަހަރަށް ލަސްކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފި

ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖީ 77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިހެން ގޮވާލައްވާފައި ވަނީ ޖީ 77 + ޗައިނާ (Group of 77 + China)ގެ ޚާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްޤީވަމުން އަންނަ އ.ދ ގެ މެމްބަރު 134 ޤައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ.

"ކޮވިޑް 19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑް ގެ ސަބަބުން އެޅިފައިވާ ހުރަސްތައް"، މި ޝިއާރުގެ ދަށުން މިއަހަރުގެ ޖީ 77 + ޗައިނާ ބައްދަލުވުން ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

މި ބައްދަލުވުމުގައި ޖީ 77 + ޗައިނާގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންފައިވާއިރު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު ފަޤީރުކަން އިތުރުވެ، އާމްދަނީގެ ފަރަޤު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ޖީ-20 ގެ ޤައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުޙަބާ ވިދާޅުވެފައެވެ.

ހަމައެއާއެކު ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖީ 77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. އަދި ޝަރުތުތަކެއް އެކުނުލެވޭ، މާލީ އިތުރު އެހީތެރިކަން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ 77 އިން ގޮވާލާފައިވާ ގޮވާލުން މިނިސްޓަރ ޝާހިދު ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ 77 ގެ ޤައުމުތަކުން އެއް ޤައުމުން އަނެއް ޤައުމަށް ވެދިން އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރައްވާފައިވާއިރު ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކި ޤައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވެފައި ވަނީ އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ