ނިލަންދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ފ. ނިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ މާރިޗު 27 ވަނަ ދުވަހު އިމާރާތްކުރުމާއި ބިނާވެށި ޕްލޭނިންގ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 2,098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 1,400 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެމްޓީސީސީން ދެއްވި މަޢުލޫމާތުގައި، މަޝްރޫޢުގެ ވެލި ޖެއްސުމުގެ މަސައްކަތުގެ 81 އިންސައްތަ މިހާރު ވަނީ ނިމިފައިވާ ކަމަށް ބުނެފައިވެއެވެ. މި މަޝްރޫޢު 390 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ.

ފ. އަތޮޅަކީ މިވަގުތު ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކުރުމަށް އިޢުލާނުކޮށްފައިވާ 12 އެއަރޕޯޓުގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެވެ.

މި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ވަނީ މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. 1,800 މީޓަރުގެ ރަންވޭއަކާއެކު މި އެއަރޕޯޓު ތަރައްޤީކުރެވިގެންދާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ