2021 ވަނަ އަހަރު މ. މުލި އާއި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށާއި އަދި ބ. ތުޅާދޫގައިވެސް އެއާޕޯޓް އެޅުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިފަދައިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، 2021 ވަނަ އަހަރު ބިލެތްފަހި އަދި މުލި އެއާޕޯޓް އެޅިގެންދާނެ ކަމަށާއި އަދި ތުޅާދޫގައި އެއާޕޯޓެއް އެޅުމުގެ ޕްލޭނެއް ކުރެވިފައި ވާކަމަށެވެ. އަދި މި އެއާޕޯޓްތައް އެޅުމުން އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނަހުލާ އިތުރަށް ވިދާޅުވީ، ހއ. ހޯރަފުށީގަައި އަަޅާ އެއާޕޯޓްގެ މަސައްކަތް މި މަހު ނިންމާ ހުޅުވާނެ ކަމަށާއި މަޑިވަރު އެއާޕޯޓް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެ ކަމަށެވެ. ނަމަވެސް ނަހުލާ މީގެ ކުރިން ވިދާޅުވެފައިވަނީ، މަޑިވަރު އެއާޕޯޓް އޭޕްރީލް މަހު އަދި ހޯރަފުށީ އެއާޕޯޓް އޮގަސްޓް މަހު ހުޅުވާނެ ކަމަށެވެ.



