ހއ. ހޯރަފުށީގައި މިއަދު ހުޅުވުނު އެއާޕޯޓަކީ، ބޮޑުތިލަދުންމަތީގެ ސިނާއި މަަސައްކަތްތައް ފެށުމަށް އެޅުނު ފާލަން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ހޯރަފުށީގެ ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް މިއަދު ވަނީ، ރަސްމީކޮށް ހުޅުވައިދެއްވައިފައެވެ.
އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ނަހުލާ ވިދާޅުވީ، ބޮޑު ތިލަދުންމައްޗައް މި ލިބުނު ތަރައްގީގެ މަންފާ ރައްޔިތުންނަށް ލިބި، ސަރަހައްދުގައި ސިނާއީ މަސައްކަތްތަށް ފެށުމަށް އެޅުނު ފާލަމަކަށް ހޯރަފުށީ އެއާޕޯޓް ވެގެންދާނެކަމަށެވެ.
ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ހުވަފެންތައް މިއަދު ހަޤީގަތަކަށްވެގެން ހިނގައްޖެކަމަށާއި، މި ހުވަފެން ހަޤީގަތަކަށް ވެގެންދިޔައީ އަތޮޅުތައް ތަރައްޤީކުރުމަށް ރައީސް ޞޯލިހް ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށެވެ.
"ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިޤްތިސާދީ ނާރެހަކަށް ހޯރަފުށީގައި ހުޅުވުނު އެއާޕޯޓު ވެގެންދާއިރު މިކަން ތަންފީޒުކޮށްދެއްވާ ފުރިހަމަ އެއާޕޯޓެއްގެ ގޮތުގައި މި އެއާޕޯޓު ހުޅުއްވަ ދެއްވީތީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހަށް ބޮޑު ތިލަދުންމަތީގެ އެންމެހާ ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ނަހުލާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިސާދަށް އައި ހީނަރުކަމުގައި އެތައްބަޔަކަށް ދަތިތަކާއި ކުރިމަތިވެފައިވާ މި ދަނޑިވަޅުގައިވެސް މިފަދަ އެއާޕޯޓެއް ހުޅުވިގެން ދިއުމަކީ އެކަމުގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމެއް ކަމަށެވެ.
ނަހުލާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ، ތަރައްޤީގެ މަޝްރޫޢުތަކުގެ ބިންގާ އަޅާ ހަމަ އެ ބާރުމިނުގައި އެ މަޝްރޫއެއް ނިއްމާ ސަރުކާރެއްކަމަށެވެ.
ބޮޑުތިލަދުންމަތީގެ ތިންވަނަ އެއާޕޯޓް ހުޅުވުމުގެ މި ކުލަގަދަ ރަަސްމިއްޔާތުގައި ރައީސްޖުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.




