ފަސް އަހަރު ހޭދަކުރުމަށްފަހު މިހާރު ކުޅެމުން އަންނަ އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ގްރިޒްމަންގެ މުސްތަޤުބަލާމެދު ގޮތެއް ނިންމޭނެ ވަކި އިރެއް ނޭނގޭކަމަށް ބުނެފިއެވެ.
" އަހަންނަކަށް ނޭނގޭ މުސްތަޤުބަލާމެދު ގޮތެއް ނިންމޭނެ ވަކި އިރެއް ބުނާކަށް " ބޮލީވިއާ އަތުން 2-0 ގެ ނަތީޖާއަކުން ފްރާންސް މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގްރިޒްމަން ބުނެފައިވެއެވެ. އެމެޗުގައި ފެނިގެންދިޔަ ދެލަނޑުގެ ތެރެއިން އެއްލަނޑު ޖަހައިދިނީ ގްރިޒްމަންއެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެމުން ތިއީ ރަނގަޅު ސުވާލެއްކަމަށާއި ކޮންމެ ކަމެއްވެސް ވަގުތު ޖެހުމާއެކު ވާނެކަމަށް ގްރިޒްމަން ބުނެފައިވެއެވެ.
ގްރިޒްމަންގެ ގަތުމަށް ކުރަންޖެހޭ ޚަރަދު މިހާރުވަނީ 200 މިލިއަން ޔޫރޯއިން 120 މިލިއަން ޔޫރޯއަށް ވެއްޓިފައެވެ. ޤަބޫލުކުރެވޭ ގޮތުގައި ކުރިއަށްއޮތް ދެތިން ހަފްތާތެރޭ ގްރިޒްމަން އަންނަ ސީޒަންގައއި ފެނިގެންދާނެ ކްލަބެއް ޔަޤީންވާނެއެވެ.
ގްރިޒްމަންއަށް އެންމެ ބޮޑަށް ފާރަލުންދިޔައީ ބާސެލޯނާއިންނެވެ. އެހެންނަމަވެސް އޭނާ ހޯދުމަށް ބާސެލޯނާއިން އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާތީ ގްރިޒްމަން ހިތްހަމަ ނުޖެހިފައިހުރިކަމުގެ ރިޕޯޓްތަކެއް މީގެ ކުރިން މީޑިއާގައިވަނީ ފެތުރިފައެވެ.
ރެއާލް ސޮސިއެޑާޑުން 2014 ވަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅެދިން 256 މެޗުން 133 ގޯލު ކާމިޔާބުކޮށްފައެވެ. އަދި އެތުލެޓިކޯއާއެކު ޔޫރޮޕާ ލީގު، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރިއެވެ. އަދި އޭނާ އަކީ މިދިޔަ ފަސް ސީޒަނުގައި ވެސް އެތުލެޓިކޯ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ.