ޕޯޗުގަލްއަށް އައިސްފައިވަނީ ޗެމްޕިއަންސް ލީގު ފައިނަލާއި ހަމައަށް މަޑުކުރާ ގޮތަށް ފޮށިތައް ތައްޔާރުކޮށްގެންކަމަށް ފްރާންސްގެ ތަރި އެންޓޮއިން ގްރިޒްމަން ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލްގެ މެޗުތައް ރޭ ފަށާފައިވާއިރު، ރޭގެ މެޗުން މޮޅުވެ ޕީއެސްޖީއިންވަނީ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.
ކުއާޓާރ ފައިނަލްގައި ބާސެލޯނާއިން ނުކުންނަންޖެހޭނީ ޖަރުމަނު ބަޔާން މިއުނިކާއި ދެކޮޅަށެވެ. ފުޓްބޯޅައިގެ އެތަކެއް ހާސް ސަޕޯޓަރުން އިންތިޒާރުކުރަމުން އަންނަ ފޯރިގަދަ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12:00 ގައެވެ.
ބާސެލޯނާ ޓީވީއާއި ވާހަކަ ދައްކަމުން ގްރިޒްމަން ބުނީ، މސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ބޭނުންވާނެ ޤާބިލުކަން ބާސެލޯނާގައި އެބަހުރި ކަމަށެވެ. އެހެންކަމުން މިސީޒަންގެ ޗެމްޕިއަންސް ލީގު ބާސެލޯނާއަށް އުފުލާލެވޭނެކަމަށް ޤަބޫލުކުރާކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެން ފޮށި ތަންމަތި ތައްޔާރުކޮށްގެން މިއައީ 23 އޮގަސްޓާއި ހަމައަށް މަޑުކުރާ ގޮތަށް. ޕީއެސްވެސް ހިފައިގެން އައިސް މިއުޅެނީ." ގްރިޒްމަން ބުންޏެވެ.
ކުއާޓާރ ފައިނަލް މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގްރިޒްމަން ބުނީ، ބަޔާން މިއުނިކަކީ ވަރަށް ވަރުގަދަ ކްލަބެއްކަމަށާއި، އެކްލަބު ބަލިކުރުމަކީ ފަޞޭހަކަމެއް ނޫންކަމަށެވެ. އަދި މުބާރާތް ކާމިޔާބުކުރަން ބާކީ ތިން މެޗު އޮތްއިރު، އެހިސާބަށް އޮތީ އުނދަގޫ މަގެއްކަމަށެވެ
ބާސެލޯނާއިން ޗެމްޕިއަންސް ލީގު އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުުރުން ބާސެލޯނާއަށް އިތުރަށް މުހިންމު ވެގެންދަނީ އެތަށި ކާމިޔާބު ނުކުރެވިއްޖެނަމަ އެކްބަލުން މިސީޒަން ހުސްއަތާ ނިންމާލަން ޖެހޭނެތީއެވެ.
ވާދަވެރި ރެއަލްމެޑްރިޑްގެ މައްޗަށް ކުރި ނޭރި ބާސެލޯނާއިން ލަލީގާ ނިންމާލާފައިވާއިރު، މިސީޒަންގެ ކޮޕަޑެލްރޭ އަދި ސްޕެނިޝް ސުޕަރކޮޕާގައިވެސް ބާސެލޯނާއަށްވަނީ ކާމިޔާބީއާއި ހަމައަށް ވާސިލްނުވެވިފައެވެ.




ހިޔާލު
Foni nukandaa, reethikoh malhaalaanan. IA