ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާ އުޅޭވާހަކަތައް އެންޓޮއިން ގްރިޒްމަން ދޮގުކޮށްފިއެވެ.
ގްރިޒްމަން ބުނީ، އޭނާ ބާސެލޯނާގައި ހުރީ ވަރަށް އުފަލުންކަމަށާއި، އޭނާ އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ވާހަކަތައް މީހުން ދައްކަނީ ކީއްވެކަމެއް ނޭނގޭކަމަށެވެ.
ގްރިޒްމަން ބުނީ ބާސެލޯނާގެ އާ ކޯޗު ރޮނަލްޑް ކޫމަންއަށް އޭނާ އިތުބާރުކުރާ ކަމަށާއި، އޭނާގެ މުސްތަޤުބަލް އޮތީ ބާސެލޯނާއާއެކުގައި ކަމަށެވެ. ނިމުނު ސީޒަންއަކީ ހުރިހާ ކުޅުންތެރިންނަށްވެސް އުނދަގޫ ސީޒަނެއްކަމަށާއި، އާ ހިތްވަރަކާއެކު އާ ސީޒަނަށް ޓީމު އޮތީ ތައްޔާރަށްކަމަށްވެސް ގްރިޒްމަން ބުންޏެވެ.
ރިޕޯރޓްތައް ބުނާގޮތުން ޕީއެސްޖީ، މެންޗެސްޓާރ ޔުނައިޓެޑް، އާސެނަލް އަދި ލިވަޕޫލްގެ އިތުރުން ކުރީގެ ކްލަބު އެތުލެޓިކޯއިންވެސް އޮތީ ގްރިޒަމަން ގެންދަން ތައްޔާރަށެވެ.
"My future is at Barcelona." @AntoGriezmann pic.twitter.com/BXFEMZEnVm
— feshun_sports (@feshun_sports) September 10, 2020
ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށް 120 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ގްރިޒްމަން އައީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ބާސެލޯނާއާއެކު ގްރިޒްމަން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން އަށެވެ.
މިދިޔަ ސީޒަންގެ ލަލީގާގައި ބާސެލޯނާއަށް 35 މެޗު ކުޅެދިން ގްރިޒްމަންވަނީ 9 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް 9 މެޗު ކުޅެދީފައިވާއިރު 2 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އަދި މިދިޔަ ސީޒަންގެ ފަހުކޮޅަށް ގޮސް މެޗުތަކުގައި ފުރިހަމަ ވަގުތު ހަމަކުރަން ގްރިޒްމަންއަށް ފުރުޞަތު ލިބިފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިދިޔަ ސީޒަންގައި ގްރިޒްމަންގެ ފަރާތުން ފެނިގެން ގޮސްފައިވާ ކުޅުމާއި ގުޅޭ ގޮތުން ބާސެލޯނާގެ މިހާރު ކޯޗު ކޫމަން ބުނެފައިވަނީ ގްރިޒްމަންއަކީ އާންމުކޮށް ވިންގާރއަކަށް ކުޅޭ ކުޅުންތެރިއެއް ނޫންކަމަށާއި، އޭނާގެ ހުނަރު ދެކެން ބޭނުންނަމަ ގްރިޒްމަންއަށް އެންމެ ފަޞޭޙަ މަޤާމު ދޭން ޖެހޭކަމަށެވެ.
އެގޮތުން ކުޅެން ފަޞޭހަ މަޤާމުތަކުން ކުޅުންތެރިންނަށް ފުރުޞަތު ދޭނެކަމަށްވެސް ކޫމަންވަނީ ބުނެފައެވެ.



