ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮޒްނިއާ އެންޑް ހާޒަގޮވީނާއާއި ދެކޮޅަށް ކުޅުނު މެޗު، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ކާމިޔާބުކޮށްފިއެވެ
ބޮޒްނިއާގައި ކުޅުނު މިމެދު ފްރާންސުން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނަޓްގައި ގްރިޒްމަން ކާމިޔާބުކޮށްދިނީ ރެބިއޮޓުގެ ހުރަހަކުން ބޮލުންނެވެ.
މެޗުގެ ކުރީކޮޅު ބޮޒްނިއާއިން ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިނަމަވެސް ފްރާންސްގެ ކީޕަރު ލޮރީސްވަނީ އެ ދެހަމަލާވެސް ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. އެހެންކަމުން މިމެޗުން ފްރާންސަށް ލިބުނު ތިން ޕޮއިންޓުގައި ލޮރީސްގެ ޙިއްސާ ވަރަށް ބޮޑެވެ.
Une victoire très importante ! ???????? pic.twitter.com/4EItLj5ZUD
— Antoine Griezmann (@AntoGriezmann) March 31, 2021
މިމޮޅާއެކު ގްރޫޕްގެ އެއްވަނަގައި އޮތް ފްރާންސަށް ލީޑު އިތުރަށް ފުޅާވެގެން ދިޔައީ، ދެވަނާގައި އޮތް ޔޫކްރެއިން ރޭ ކުޅުނު މެޗުން އެއްވަރު ވުމުންނެވެ. ކަޒަކިސްތާނާއި ދެކޮޅަށް ޔޫކްރެއިން ކުޅުނު މިމެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.
ގްރޫޕް ޑީ ގެ އެއްވަނާގައި ފްރާންސު އޮތީ ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ޔޫކްރެއިންއަށް 3 މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ.



