ޗައިނާއިން އެމެރިކާގެ ރިއާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެންއަށް މަރުހަބާ ދައްނަވައިފިއެވެ.
ޗައިނާއިން ބައިޑެންއަށް މަރުހަބާ ދައްނަވައިފައި މިވަނީ އިންތިހާބުގެ ނަތީޖާ އިނގުނުތާ ގާތްގަނޑަކަށް ހަފްތާއެއް ފާއިތުވެ ގޮސްފައި ވަނިކޮށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން މިހާތަނަށް ބައިޑެންއަށް މަރުހަބާ މިހާރު ނުދައްނަވާ ގައުމަކީ ރަޝިއާ އަދި މެކްސިކޯއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، އެމެރިކާ ރައްޔިތުންގެ ހޮވުމަށް އިހުތިރާމް ކުރާކަމަށާއި އިންތިހާބީ ރައީސް ބައިޑެން އަށާއި އިންތިހާބީ ނައިބުރައީސް ހެރިސްއަށް މަރުހަބާ ދައްނަވާ ކަމަށެވެ.
ޗައިނާ އާއި އެމެރިކާގެ ގުޅުމަކީ ދެގައުމަށާއި މުޅި ދުނިޔެއަށްވެސް ވަރަށް މުހިންމު ގުޅުމެކެވެ. މިހެނީ މިވަގުތު ދުނިޔޭގައި އޮތް އިގުތިސާދީ ގޮތުން އެންމެ ބާރުގަދަ ދެ އިގުތިސާދަކީ މި ދެގައުމުގެ އިގުތިސާދެވެ. ރައީސް ޓުރަމްޕުގެ ޒައާމަތުގައި އެމެރިކާއާއި ޗައިނާގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިހާބުން ބަލިވެ ވަޑައިގެންފައިވާކަން އަދި ގަބޫލުފުޅު ކުރައްވައިފައެއް ނުވެއެވެ. އޭނާ ވަނީ ވޯޓުން މަކަރު ހަދަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.



