ބޭރު ގައުމެއްގެ ލީޑަރަކަށް ބައިޑެން ކުރައްވާ ފުރަތަމަ ފޯންކޯލް ޓްރޫޑޯ އަށް

އެމެރިކާގެ 46 ވަނަ ރައީސްކަމުގެ ހުވާ މިދިޔަ ބުދަ ދުވަހު ކުރެއްވި ޖޯ ބައިޑެން، ބޭރު ގައުމުތަކުގެ ލީޑަރުންގެ ތެރެއިން އެންމެ ފުރަތަމަ ގުޅުއްވާނެ ބޭފުޅަކަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހަމަޖައްސަވައިފިއެވެ.

މި ފޯން ކޯލަކީ އާ ސަރުކާރުން ބޭރު ގައުމުތަކުގެ ލީޑަރުންނާއި ހާއްސަކޮށް އެމެރިކާގެ ޒަމާންވީ އެކުވެރިންނާއި އޮތް ގުޅުން ބަދަހި ކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ފެށުން ކަމަށް އެމެރިކާގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.

ރައީސް ބައިޑެން މިއަދުގެ ވަގުތެއްގައި ބޮޑުވަޒީރު ޓްރޫޑޯ އަށް ގުޅުއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ޓުރަމްޕުގެ ވެރިކަމުގައި އެމެރިކާ އާއި ކެނެޑާ އާއި ދެމެދު އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހޭނަރުވެގެން ގޮސްފައެވެ. މި ގުޅުން ހީނަރުވެފައިވަނީ ވިޔަފާރީގެ މަސްލަހަތުތަކާއި ގުޅިގެންނެވެ.

އެމެރިކާ އާއި ކެނެޑާ އާއި ދެމެދު އުފެދިފައިވާ މައްސަލަތައް އަދި ހައްްލުކުރުމަށް ރައީސް ބައިޑެން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު ރައީސް ބައިޑެންވަނީ ކީސްޓޯން ޕްރޮޖެކްޓުގެ ހަތަރުވަނަ ފޭސް ހުއްޓާލުމަށް ނިންމަވައިފައެވެ. މި ޕްރޮޖެކްޓަކީ ކެނެޑާ އާއި އެމެރިކާ އާއި ދެމެދު އަޅާފައިވާ ތެޔޮ ހޮޅީގެ ޕްރޮޖެކްޓެކެވެ.

ކީސްޓޯން ޕްރޮޖެކްޓަކީ ކެނެޑާގެ އިގުތިސާދާއި ސީދާ ގުޅުންހުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ތެރެއިން ތެލުގެ އާންމުދަނީގެ ގޮތުގައި ކެނެޑާގެ އިގުތިސާދަށް އަހަރެއްގެ މައްޗަށް އެތައް ބިލިއަން ޑޮލަރުގެ އާންމުދަނީއެއް ލިބިގެން ދެއެވެ.

ބޮޑުވަޒީރު ޓްރޫޑޯވަނީ ކީސްޓޯން ޕްރޮޖެކްޓުގެ ހަތަރުވަނަ ފޭސް ހުއްޓާލުމަށް ރައީސް ބައިޑެން ނިންމި ނިންމުމާއި ގުޅިގެން ކަނބޮޑުވުންވެސް ފާޅުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ