ކާރު ބޮމުގެ ހަމަލާއެއްގައި އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ސިފައިން މަރާލައިފިއެވެ.
އަފްގާނިސްތާނުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާ ނޫހުގައި ބުނެފައިވަނީ، އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ހުޅަނގުން އެ ސިޓީއަށް ވަދެވެން އޮއްނަ ގޭޓުކައިރީ ދިން ކާރު ބޮމުގެ މި ހަމަލާގައި ސިފައިންގެ ތިންމީހުން މަރުވެ ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާން ތޯރިގް އަރިއާން ވިދާޅުވީ، މިހަމަލާ އަމާޒްކޮށްފައިވަނީ ސަރުކާރު ފައުޖުގެ ޗެކްޕޮއިންޓަކަށް ކަމަށެވެ. މިހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.
ސިފައިންގެ ޗެކްޕޮއިންޓަކަށް ހަމަލާދީ ގިނަ އަދަދެއްގެ ސިފައިން މަރާލައިފައި މިވަނީ އަފްގާނިސްތާނުގައި މިފަހުން ދެމުން އަންނަ ހަމަލާތައް އިތުރުވެފައި ވަނިކޮށެވެ. މިގޮތުން ހަނގުރާމަވެރިން ކާބުލް ޔުނިވާސިޓީއަށް ދިން ހަމަލާއެއްގައި 22 މީހަކުވަނީ މަރާލައިފައެވެ. މީގެތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ.
އަފްގާނިސްތާނުގައި ހަނގުރާމަވެރިން ދޭ ހަމަލާތައް ގިނަވެފައި މިވަނީ އަފްގާނިސްތާނުގައި ސުލްހަ ގާއިމްކޮށް އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން އެގައުމުން ބޭރު ކުރުމަށް ހަނގުރާމަވެރިންނާއި އެމެރިކާ ސަރުކާރާއި ދެމެދު މަޝްވަރާތައް ބާއްވަމުންދާ ދުވަސްވަރެއްގައިކަންވެސް ފާހަގަ ކޮށްލެވެއެވެ.



