ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ކޮރޭޝިއާގެ ތަރި ލޫކާ މޮޑްރިޗް ކޮވިޑު-19 އަށް ކުރި ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.
މޮޑްރިޗް ކޮވިޑަށް ޓެސްޓްކޮށްފައިވަނީ، އޭނާއާއެކު ޤައުމީ ޓީމަށް ކުޅެމުން އަންނަ ޑިފެންޑަރު ޑޮމެގޯ ވިޑާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިދިޔަ ބުދަދުވަހުގެ ތުރުކީއާއި ދެކޮޅަށް ކޮރޭޝިއާ ކުޅުނު މެޗުގައި ވިޑާ މެޗުގެ ފުރިހަމަ ވަގުތު ފުރިހަމަކޮށްފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އިންޓަރވަލްގަޑީގައި ލިބުނު ނަތީޖާއިންނެވެ. އެހެންކަމުން ދެވަނަ ހާފު ކޮރޭޝިއާއިން ފަށާފައިވަނީ އޭނާ ބަދަލުކުރުމަށްފަހުގައެވެ.
މިކޭސްއާއި ގުޅިގެން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެނިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައި އޮތްއިރު، ކޮރޭޝިއާގެ ޓީމުގެ އެންމެންވެސްވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ. އަދި ދެ ޓެސްޓެއްވަނީ ޕޮޒިޓިވް ވެފައެވެ. އެއީ އިންޓަރގެ މެދުތެރެއަށް ކުޅެމުން އަންނަ މާސެލޯ ބްރޮޒޮވިޗާއި ކޮރޭޝިއާ ޓީމުގެ ސްޓާފެކެވެ.

ވިޑާއާއެކު މޮޑްރިޗް ފޮޓޯއެއް ނަގާފައިވުމާއި ގުޅިގެން އޭނާގެ ޓެސްޓުގެ ނަތީޖާއަށް ރެއަލްމެޑްރިޑުން އިންތިޒާރުކުރަމުން ދަނިކޮށް ލިބިފައިމިވަނީ ހިތްހަމަޖައްސާލެވޭކަހަލަ ނަތީޖާއެކެވެ. ކޮވިޑަށް ޕޮޒިޓިވްވެ ރެއަލްމެޑްރިޑްގެ ތިން ކުޅުންތެރިޔަކު މިހާރުވެސްދަނީ އައިސޮލޭޝަންގެ މުއްދަތު ފުރިހަމަކުރަމުންނެވެ. އެއީ ހަޒާޑާއި ކަސެމީރޯގެ އިތުރުން މިލީޓޯއެވެ.
މި އިންޓަރނޭޝަނަލް ބްރޭކަށްފަހު ލީގުގެ ކުޅުން އަންނަ ހަފްތާ ބަންދުގައި ފަށާއިރު، ހޮނިހިރު ދުވަހުގެ ރޭ ރެއަލްމެޑްރިޑް ނުކުންނަން ޖެހޭނީ ވިލަރެއާލްއާއި ދެކޮޅަށެވެ. 8 މެޗުން ލިބުނު 16 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ.



