ހައިކޯޓަށް ޗީފް އެޑްމިނިސްޓްރޭޓަރަކު ހޯދަނީ

ދިވެހިރާއްޖޭގެ ހައިކޯޓަށް ޗީފް އެޑްމިނިސްޓްރޭޓަރަކު ހޯދަން އިޢުލާންކޮށްފިއެވެ.

އެކޯޓުން ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނީ، މިމަޤާމަށް ޝައުޤުވެރުލައްވާ ފަރާތްތަކުން 2020 ނޮވެންބަރު 23 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދޭކަމަށެވެ.

އަސާސީ މުސާރައިގެ ގޮތުގައި -/11,065 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމަޤާމުގެ ޝަރުތުތަކަކީ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އަދި އެހެނިހެން ޝަރުތުތަކުގެ ތެރޭގައި ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުމާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުންވެސް ހިމެނެއެވެ.

މިމަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތަކުގެ ގޮތުގައި ހައިކޯޓުން ބުނެފައިވަނީ:

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުކުރެވޭނެ ފަދަ ސިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް، ކޮރަލްޑްރޯ އަދި ޕަވަރޕޮއިންޓް ފަދަ ޕްރޮގްރާމްސްތަކާއި، މަސައްކަތާ ގުޅުންހުރި ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ޝަރުއީދާއިރާ ތަމްޞީލުކުރެވޭނެ ފަރާތަކަށްވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާއި، ޕެންޝަނާބެހޭ ޤާނޫނާއި، ކޯޓުތަކާބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެކަމަށެވެ.

ޗީފް އެޑްމިނިސްޓްރޭޓަރ ( ދިވެހިރާއްޖޭގެ ހައިކޯޓު) އިޢުލާން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ