ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ވޯލްޑްކަޕް ޗެމްޕިއަން ފްރާންސްއިން ގްރޫޕްގެ އެއްވަނައަށް އަރައިފިއެވެ.
ޕޯޗުގަލްގައި ކުޅެވުނު މިމެޗު ފްރާންސުން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި މެޗުގެ 53 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ކާންޓޭއެވެ. ރެބިއޮޓްގެ ހަމަލާއެއް ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ ދިފާޢުކުރި ވަގުތު ގޯލްކުރިމައްޗަށް ހުރަސްވި ބޯޅަ ކާންޓޭ ހުހަށް އޮތް ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރިއިރު، މިއީ ކާންޓޭ ފްރާންސްގެ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.
ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޕޯޗުގަލްއިންނެވެ. މެޗުގެ ހަވަނަ މިނަޓްގައި ޕެނަލްޓީ އޭރިއާގެ ބޭރުން ރޮނާލްޑޯ ފޮނުވާލި މިހަމަލާ ދިފާޢުކުރީ ކީޕަރު ލޮރީސްއެވެ. ފުލުފުލުގައި ދެޓީމުންވެސް ހަމަލާތައް އުފެއްދި މިމެޗުގައި ފްރާންސަށް ލިބިގެންދިޔަ ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. އެގޮތުން މާޝިއާލް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑިއާވެސް އަމާޒުވެފައިވެއެވެ.
???????? France are the first team to qualify for the #NationsLeague finals after edging Portugal 1-0! ???? pic.twitter.com/Qu5YwXszHC
— UEFA Nations League (@EURO2020) November 14, 2020
މިމޮޅާއެކު ފްރާންސުން ލީގު އޭ ގެ ގްރޫޕް 3 ގެ އެއްވަނައަށް އަރާފައިވަނީ 5 މެޗުން ލިބުނު 13 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ޕޯޗުގަލްއަށް 5 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި އަދި ބާކީ އެއްމެޗު އޮއްއިރު، ފަހު މެޗުގައި ފްރާންސުން ނުކުންނާނީ ސްވިޑަންއާއި ދެކޮޅަށެވެ. އަދި ޕޯޗުގަލް ކުޅެންޖެހޭނީ ކޮރޭޝިއާއާއި ދެކޮޅަށެވެ. މިދެމެޗުވެސް އޮންނާނީ މިމަހުގެ 17 ވާ އަންގާރަ ދުވަހުގެ ރެޔެވެ.



