ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންގެ ކޮނޑަށް ބިހެއް ޖަހައިފިއެވެ.
މިކަން ހިނގައިފައިވަނީ މިދިޔަ ހޯމަދުވަހު ރައީސް މެކްރޯން ފްރާންސްގެ ލިއޯން ސިޓީގައި އޮތް އިންޓަނޭޝަނަލް ފުޑް ފެއަރ އަކަށް ކުރި ޒިޔާރަތެއްގެ ތެރެއިންނެވެ.
މި މަންޒަރު ފެންނަ ފޮޓޯ ތަކާއި ވީޑިއޯ މީސްމީޑިއާގައި ވައިރަލް ވަމުން އަންނައިރު، ފެންނަނީ ޒުވާނަކު މެކްރޯންގެ ކޮނޑަށް ބިހެއް އެއްލާ ތަނެވެ. ނަމަވެސް އެ ބިސް ތަޅައިގެން ނުގޮސް، މެކްރޯންގެ ކޮނޑުގައި ޖެހުމަށްފަހު ތިރިއަށް ވެއްޓޭތައް ފެނިގެންދެއެވެ.
މިކަން ހިނގުމާއެކު މެކްރޯންގެ ދެ ބޮޑީގާޑުން ވަގުތުން ވަނީ އޭނައާ ކައިރިވެ ރައްކާތެރިކަން ދީފައެވެ. އަދި އެހެން ބޮޑީގާޑުން މެކްރޯން އާއި ދިމާލަށް ބިސް އެއްލި މީހާ އެތަނުން ވަނީ ގެންގޮސްފައެވެ.
މި ހާދިސާ އާއި ގުޅިގެން ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަދި ތަފްސީލެއް ދީފައިނުވާއިރު، މެކްރޯންގެ ގަޔަށް އެ ޒުވާނާ ބިހެއް އެއްލީ ކީއްވެ ކަމެއް ނޭނގެއެވެ.
2017 ވަނަ އަހަރުވެސް ރައީސް މެކްރޯންގެ ބޮލަށް މީހަކު ވަނީ ބިހެއް ޖަހައިފައެވެ. އެފަހަރު ބިސް ވަނީ އޭނަގެ ބޮލަށް ތަޅައިގެންގޮސްފައެވެ. އަދި މިއަހަރުގެ ޖޫން މަހު އާއްމުންގެ ތެރޭގައި މެކްރޯންގެ ކަންކަށިމަތީގައި މީހަކު ޖެހި ހާދިސާއެެއްވެސް ވަނީ ހިންގައިފައެވެ.




