މިނީ ބަހުގެ ޚިދުމަތް އަންނައަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަށުމަށް މަސައްކަތް ކުރަމުންއެބަދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ، ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މިނީބަހުގެ ޚިދުމަތަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، މިހާތަނަށް ޚިދުމަތް ނުފެށިވާ މަސައްކަތް ކަމަށް ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ނުފެށި ލަސްވެގެން ދަނީ އެކަމަށް ބޭނުންވާ ބަޖެޓު ހަމަނުޖެހިގެންކަމަށާއި، އެގޮތުން ހިލޭ އެހީދޭ ޖަމާތްތައް މެދުވެރިކޮށްވެސް ފަންޑިންގއެއް ހޯދުމަށް މީގެ ކުރިން މަސައްކަތް ކުރިކަމަށެވެ.
ނަމަވެސް މިހާރު ވަނީ އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައި މިކަމަށް ބަޖެޓު ކަނޑައަޅާފައިކަމަށާއި އަދި އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މިނީ ބަހުގެ ކަންތައް ޙައްލުވެގެންދާނެކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.




