ފަސިންޖަރުންގެ ހުއްދަނެތި އަޑު ނުކުންނަ ބާވަތުގެ އެއްވެސް އެއްޗެއް ޓެކްސީގައި ބޭނުން ނުކުރެވޭ ގޮތަށް ޓެކްސީ ޤަވައިދަށް އިސްލާހު ގެނެސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު 1475-R/2013 (ޓެކްސީ ގަވާއިދު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައި ބުނެފައިވަނީ ޓެކްސީގެ ޚިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާޞަލާތީ ނިޒާމު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް (ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫންވެސް ބާވަތުގެ އެއްވެސް އެއްޗެއް) ޓެކްސީގައި ބޭނުންކުރާންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެންކަމަށާއި، މިނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެއްކަމަށެވެ.
ޓެކްސީ ސެންޓަރާއި، ޓެކްސީގެ ޚިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާޞަލާތީ ނިޒާމެއް" ޤާއިމްކޮށްފައި ހުންނާންވާނެކަމަށްވެސް މިއިސްލާޙުގައި ބުނެފައިވާއިރު، މި ނިޒާމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގަންޖެހޭ ނިޒާމެއް ނަމަ، އެ ހުއްދައެއް ނެގުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި މިފަދަ މުއާޞަލާތީ ނިޒާމެއްގެ ބޭނުން ހިފަންވާނީ ރިވެތި އަދަބުތަކާއި އިޙްތިރާމާއެކު ރިވެތި ބަހުންކަމަށްވެސް އިސްލާޙުގައި ވެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރުމާއެކު، މިގަވާއިދަށް މިހާރުވަނީ ޢަމަލުކުރަން ފަށާފައެވެ.



