ޓްރާންސްޕޯޓް އޮތޯރިޓީން ވަޒީފާއިން ވަކި ކުރި 9 މީހަކަށް އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ޙުކުމްކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް ޓްރައިބިއުނަލުގައި ތަމްޞީލްކޮށްފައިވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ 9 ފަރާތެއް ވަޒީފާ އަދާކުރަމުންދަނިކޮށް، އެމީހުން ވަޒީފައިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމަށެވެ.
މި މައްސަލާގައި އެ 9 މީހުންނަށް ވަޒީފާ އަލުން ދިނުމަށް ޙުކުމް ކޮށްފައިވަނީ އިއްޔެއެވެ.
އެ މައްސަލަ ނިންމަވަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްނުކޮށްކަމަށާއި، މައްސަލަ ހުށަހެޅި ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން އަނބުރާ އިޔާދަކޮށްދިނުމަށާއި، އަދި ވަޒީފާ ޢިއާދަކޮށްދޭ ތާރީޚާ ހަމަޔަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެފަރާތްތަކަށް ލިބިދިނުމަށެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ވިދާޅުވީ މުވައްޒަފުން، ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާ ލައިގެންކަމަށާއި އަދި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމަށްފަހުކަމަށެވެ.
މިކަންކަން ޤާއިމުނުކޮށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެ މުވައްޒަފުންނަށް ވެވޭ ބޭއިންސާފެއްކަމުގައި އެ ސެންޓަރުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެފަރާތްތަކަށް ވަޒީފާ އަނބުރާ ދިނުމަށާއި މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފަައިވާތީ އެ ނިންމުމަށް އެ ސެންޓަރުން ވަނީ މަރުޚަބާ ކިޔާފައެވެ.
އެގޮތުން މިނިންމުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއަދާކުރުމުގެ ޙައްޤުން މަޙުރޫމުވެފައިވާ ފަރާތްތަކަކަށް އިންސާފު ލިބިގެންދިޔަ ނިންމުމެއްކަން އުފަލާއެކު ފާހަގަކުރާކަމުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ވިދާޅުވިއެވެ.



