އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހުރި މަޝްރޫއުތައް އިގުތިސާދާ ނުބައްދަލު މަޝްރޫޢުތަކެއްކަމަށާއި، މަޝްރޫޢުތައް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމެޓިގެ ބައްދަލުވުމުގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން އަންނަ އަހަރަށް ލަފާކުރާ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ، ކޭޝްފްލޯ މެނޭޖުކުރަން ދަތިވެ މަޝްރޫއުތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
އަދި މިވަގުތު އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި އެކު ސަރުކާރުން އިތުރަށް ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑް19 ބަލިމަޑުކަމާ އެކު ފަތުރުވެރިކަމަށް ހީނަރުކަމެއް އައިސް ރާއްޖޭގެ ބޭރު ފައިސާ ސަޕްލައި ދަށްވެފައިވުމާއެކު މަޝްރޫއުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު ވަނީ 2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހާފައި އޮތް ބަޖެޓާ ގުޅޭ ކަރުދާހެއް ހުށަހަޅައިފަ އެވެ. އެ ކަރުދާހުގައި ބަޖެޓް ވަނީ ތިން ބަޔަކަށް ބަހާލައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލިހަށް ހުށަހަޅާފައިވާއިރު ބަޖެޓުގެ 24 އިންސައްތަ ޚަރަދުކުރުމަށް ނިންމާފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ.
ބަޖެޓުގައި އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާއެވެ.
އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ ޖުމުލަ އާމްދަނީ އަށް ވުރެ އިތުރަށް 15 ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައި ވާތީ އަންނަ އަހަރު ދައުލަތުގެ ދަރަނި ބޮޑުތަނުން އިތުރުވާނެކަމަށްވެސް ގަވަރުނަރުވަނީ ވިދާޅުވެފައެވެ.



