މިމަހުގެ ތިންވަނަ ދުވަހު އެމެރިކާގައި ބޭއްވުނު އެގައުމުގެ ރިޔާސީ އިންތިހާބު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން ކާމިޔާބުކުރެއްވި ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، ނަތީޖާ ގަބޫލުކުރުމަށްވަނީ ދެކޮޅުހަދާފައެވެ.
ރައީސް ޓުރަމްޕް ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވެފައިވަނީ، ބައިޑެން އިންތިހާބު ކާމިޔާބުކުރެވިފައިވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފައިވާތީ ކަމަށެވެ. މިގޮތުން އިންތިހާބުގެ ކަންތައްތައް ހިނގައިފައިވަނީ އިންސާފުވެރި ނޫންކޮށްކަމަށްވަނީ ވިދާޅުވެފައެވެ.
އިންތިހާބީ އޮފިޝަލުން މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ބޭއްވުނު ރިއާސީ އިންތިހާބަކީ އެމެރިކާގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ރައްކާތެރި އިންތިހާބު ކަމަށެވެ. އެއްވެސް ވޯޓެއް ގެއްލި، ނުގުނާ، ވޯޓުލައިފައިވާ މީހާ ބަދަލުކުރުންފަދަ ވޯޓުގެ ނަތީޖާއަށް އަސަރުފޯރާނެފަދަ އެއްވެސް ކަމެއް ހިނގައިފައި ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.
ޓުރަމްޕްގެ ކެމްޕޭނު ޓީމުން އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ބައެއް ސްޓޭޓުތަކުގައި ވޯޓާ ދެކޮޅަށް ކޯޓަށް މައްސަލަތައް ހުށަހަޅާފައި ވީނަމަވެސް މިތަނުން ހުށަހެޅި އެއްވެސް މައްސަލައެއް ހިނގައިފައެއް ނުވެއެވެ.
ނޮވެމްބަރު ތިންވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ބައިޑެންވަނީ އިލެކްޓޯރަލް ކޮލެޖުގެ 306 ވޯޓު ކާމިޔާބު ކޮށްފައެވެ. ރައީސްކަން ހޯދުމަށް މަދުވެގެން ކާމިޔާބުކުރަން ޖެހެނީ އިލެކްޓޯރަލް ކޮލެޖުގެ 270 ވޯޓެވެ.