ބެލްޖިއަމް އަތުން ދަށްވެ އިންގްލޭންޑުގެ އުންމީދުތައް ފެނަށް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމްއާއި ދެކޮޅަށް ކުޅުނު މެޗުން ދަށްވެ އިންގްލޭންޑުން ކުރަމުން އައި އުންމީދުތައް ފެނަށް ގޮސްފިއެވެ.

ބެލްޖިއަމްގައި ކުޅެވުނު މިމެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ އިންގްލޭންޑްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިމެޗުން މޮޅުވެ ބެލްޖިއަމްއިން ގްރޫޕްގެ އެއްވަނަ ދެމެހެއްޓިއިރު، އިންގްލޭންޑް އޮތީ ގްރޫޕްގެ ތިންވަނާގައެވެ. އެހެންކަމުން މިލީގުގައި އިންގްލޭންޑަށް އިތުރަކަށް ކުރިއަކަށް ނުދެވޭނެއެވެ. ދެވަނާގައި އޮތް ޑެންމާކާއި ދެކޮޅަށް ކުޅުނު އެއްމެޗު އެއްވަރުވިއިރު، އަނެއް މެޗުން އިންގްލޭންޑްވަނީ ބަލިވެފައެވެ.

މިދިޔަ މުބާރާތުގައި ތިންވަނަ ހޯދި އިންގްލޭންޑް މިމުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ދެ މެޗުން ދަށްވިއިރު، އެއްމެޗުވަނީ އެއްވަރުވެފައެވެ.

ރޭގެމެޗުގައި ބެލްޖިއަމްއިން ޖެހި ދެލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނަޓްގައި ފެނިގެންދިޔައިރު، ލެސްޓާއަށް ކުޅެމުން އަންނަ ޓީލަމަންސް ކާމިޔާބުކޮށްދިން މިލަނޑަކީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. ގޯލްގެ އަރިމަތީ ދަނޑީގައި ޖެހި ގޯލްގެތެރެއަށް ވަދެގެންދިޔަ މިބޯޅަދިޔައީ އިންގްލޭންޑްގެ ޑިފެންޑަރު މިންގްގެ ފައިގައި ކޮންމެވެސް ވަރަކަށް ޖެހިލާފައެވެ.

އަދި ޖެހިގެން އައި މިނަޓްގައި އިންގްލޭންޑުން ނުރައްކާތެރި ހަމަލާއެއް އުފެއްދިނަމަވެސް ގްރީލިޝް ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ޑިފެންޑަރު އަލްޑަވިރެލްޑް ދިފާޢުކުރިއެވެ. އަދި ލިބުނު ކޯނަރުގައި ހުރަސްވި ބޯޅަ ކޭން ބޮލުން ގޯލްގެ ކަނަށް ފޮނުވާލިނަމަވެސް ކީޕަރު ކެޓުވިގެންދިޔަ މިބޯޅަ ލުކާކޫވަނީ ހުށިރާރުކަމާއެކު އެބޯޅަ ދިފާޢުކޮށްފައެވެ.

ބެލްޖިއަމްގެ ދެވަނަ މެޗުގެ 23 މިނަޓްގައި ފެނިގެންގޮސްފައިވާއިރު، މާޓެންސް ކާމިޔާބުކުރި މިލަނޑަކީ ހިތްގައިމު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ.

ދެލަނޑު ދަށުގައި އޮތްނަމަވެސް ސުމެއް ކަނޑުވާ އަލުން ގޭމްތެރެއަށް ވަންނަން އިންގްލޭންޑުން ގިނަ މަސައްކަތްތައްވަނީ ކޮށްފައެވެ. ނަމަވެސް އިންގްލޭންޑަށް މާނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެންމެ ހުސް ފުރުޞަތުގައި އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ހުހަށްހުރި ކޭން ފޮނުވާލި ހަމަލާގައިވެސް މާބާރެއް ނެތްއިރު އެބޯޅަވަނީ ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ދިފާޢުކޮށްފައެވެ.

މިއީ ގެރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލޭންޑް ބަލިވި 10 ވަނަ މެޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ