ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ޔައުގޫބްގެ މެންބަރު ކަން ނުގެއްލޭ ކަމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ޙަލީމްއެވެ.
ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔަޢުޤޫބު އައްޔަން ކޮށް، އަދި އޭނާ އެ މަޤާމް ބަލައިގަތުމާއި ގުޅިގެންނެވެ.
އޭނާ އެ މަޤާމް ބަލައި ގަތުމާއި ގުޅިގެން މަޖިލީހުގައި ޔަޢުޤޫބު ފުރަމުން ދާ ދާންދޫ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި މައްސަލާގައި ބޮޑު ބަހުސްއަކަށް ގޮސްފައި ވަނިކޮށް އޭގެ އަނެއް ދުވަހު އޭނާ ވަނީ އެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
މިއަދުގެ އަޑުއެހުމުގައި ހުކުމް އިއްވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަކީ ދައުލަތުގެ ވަޒީފާއެއް، ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ ކޮމިޝަނެއްގެ މަގާމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށެވެ.
މަޖިލީހުގެ މެންބަރަކު ކުރައްވާ މަނާ ކަމެއްގައި ގާނޫނު އަސާސީގައި އެ ކަމެއް ކުރުމަށް އަދަބެއް ކަނޑައަޅާފައި ނުވާނަމަ އެ ކަމަށް ސުޕްރީމް ކޯޓަށް ވެސް އަދަބެއް ކަނޑަނޭޅޭނެ ކަމަށާއި އެފަދަ ކަމެއް ކަނޑައަޅައިފިނަމަ އެ ކަންކަން ވާނީ ގާނޫނު އަސާސީއަށް ކޯޓުން އުނިއިތުރު ގެނައުން ކަމަށް ސުއޫދު ވިދާޅުވިއެވެ.
ޔައުޣޫބްގެ މެންބަރު ކަން ގެއްލިއްޖެ ކަމަށް ކަނޑައެޅުމަކީ ގާނޫނު އަސާސީގައި ނެތް ޖަޒާއެއް ކޯޓުން ކަނޑައެޅުން ކަމަށާއި އެހެންކަމުން ޔައުގޫބްގެ މެންބަރު ކަން ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވައި ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.




