ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ މެންބަރުކަން ގެއްލި އެދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ ބުރާސްފަތިދުވަހަށް ތަޢާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު ޢައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ މެންބަރުކަމާމެދު ވަނީ ދުވާލު އުފެދިފައެވެ. އެހެންކަމުން އޭނާގެ މެންބަރުކަން ގެއްލިއްޖެކަމަށާ، އެދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ޙަލީމެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައިވަނީ ޗާޓަޑް އިސްޓިޓިއުޓްގެ މެމްބަރުކަމާއި ޔައުޤޫބު ޙަވާލުވެވަޑައިގަތް ވަގުތުން ފެށިގެން ދާންދޫ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅާއިދިނުމަށެވެ.
ޤާނޫނު އަސާސީގައި ވާގޮތުންނަމަ، ރައްޔިތުން މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ ވަޒީރުން މަޖިލީހުގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ވަޒީރުންގެ ނާއިބު ކަމާއި ދައުލަތުގެ އެފެންވަރުގެ އެއްވެސް މަގާމަކާއި މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރު ކަމެއް ނުވަތަ މުސްތަގިއްލު މަގާމެއް ސިވިލް ސާވިސްގެ މަގާމެއް އަދާ ކުރުމަކީ މަނާ ކަމެކެވެ.
ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމުން ޔަޢުޤޫބުވަނީ ފަހުން އިސްތިއުފާދެއްވާފައެވެ. އަދި އިސްތިއުފާ ދެއްވާފައިވަނީ އެ މައްސަލާގައި އޭނާ އަށް ލަފާ އެރުއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން ކަމަށްވެސް ޔައުގޫބު ވަނީ ވިދާޅުވެފައެވެ.
މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން މެންބަރެއްގެ ގޮނޑީގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ.



