މިނިސްޓަރު މަލީހުއަށް މަސްއޫލިއްޔަތުތައް ހަދާން ކޮއްދިނުމުން މެމްބަރު ފިރުޝާން ބްލޮކް ކޮއްލައިފި

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގާ ހުންނެވި މަލީހު ޖަމާލުއަށް އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް ހަދާން ކޮއްދިނުމުން ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ޓްވިޓާއިން ބްލޮކް ކޮއްލައިފިއެވެ.

މެމްބަރު ފިރުޝާން ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާ ބްލޮކް ކޮއްލާފައިވާއިރު، މިނިސްޓަރު މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މަގާމުގައި ހުންނަވާތާ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ހަދާފައި ނުވާ ކަމަށެވެ. އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިހާތަނަށް 11 މެންބަރަކު ސޮއިކޮށްފައިވާއިރު، މަލީހު މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާއިރު ސަރުކާރު ހިންގަން ވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެ ޓެލެކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ދެއްކެވި ވާހަކައަކާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަލީހާ ދެކޮޅަށް ތެދުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ