މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލައިގެ ބަހުސް 2 ގަޑިއިރަަށް ދެމިގެންދާނެއެވެ. އަދި އަދި މިނިސްޓަރު މަލީހަށް ޖަވާބުދާރީ ވުމަށްވެސް 30 މިނެޓްގެ ފުރުސަތު ލިބިގެންދާނެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފައެވެ.

14 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، ސަރުކާރަށް ދެއަހަރު ފުރޭއިރު، ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ