މަލީހުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީން ފާސްކޮށްފި

މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފިއެވެ.

މަލީހްގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް ހުށައަޅައިފައިވަނީ، ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި، މަލީހަށް އިތުބާރު ނެތްކަމަށް ފާސްކޮށްފައިވެއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ބުނެ މީކާއިލް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބުނެވިދިޔަ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރު ވީއިރުވެސް މިނިސްޓަރ މަލީހް ހަދާފައިނުވާކަމަށެވެ.

މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާ ޤަވާއިދުތަކަކީ ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއް ކަމަށް ބުނެފައިވެއެވެ.

އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަމަށާއި އެ ޤަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، މިނިސްޓަރުގެ މަޤާމުގައި މަލީހް އިތުރަށް ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމަކަށް ނުވާކަމަށާއި ގިނަ ރައްޔިތުންތަކެއް އޭނާ މަޤާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން މަލީހް ވަކިކުރުމަށް ހުށައަޅާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ