އެކޮޅުކޮޅުން އެލުވިޔަސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާނަން: މަލީހް

"ހަކުރާގޭ" ފެންޑާގައި އެކޮޅުކޮޅުން އެލުވި ކަމުގައި ވީނަމަވެސް  ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިއްޕަވާނެ ކަމަށް ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

މަލީހް މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ކަމުގެ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރައްވާ ބަހުސްގައެވެ.

ބަހުސް ފައްޓަވަމުން ލިބުނު ފުރުސަތުގައި މަލީހް ވިދާޅުވީ، އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަ މަޖިލީހުގެ މެންބަރުންނަށް ހަޖަމުނުކުރެވިގެން ކަމަށެވެ.

މީގެ ކުރިން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވަނީ ސަރުކާރު ހިންގަނީ މަޖިލީހުން ކަމަށާއި އެހެން ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާ ނޫން ކަމަށެވެ.

މަލީހް ވިދާޅުވީ، މަޖިލީހަށް ހާޒިރުވެ ހުރީ ވަޒީފާ ދިފާއު ކުރާކަށް ނޫންކަމަށެވެ.

""އަޅުގަނޑު މަޖިލީހަށް ހާޒިރުވެ މިހުރީ އަޅުގަނޑުގެ ވަޒީފާ ދިފާއު ކުރާކަށް ނޫން. ޤާނޫނު އަސާސީގެ މާއްދާ 27 ދިފާއު ކުރަން. މިއީ އެއްވެސް އަސާސެއް ނެތް، ދޮގާއި މަކަރާއި ހީލަތުން ދައުލަތުގެ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށްޓަކައި މިމަޖިލީހުގެ އިއްޒަތްތެރި މެންބަރުންތަކެއް ކުރިއަށް ގެންދާ ޒާތީ މައްސަލައެއްކަން ވަރަށް ހިތާމައާއިއެކު ފާހަގަ ކުރަން." މަލީހް ވިދާޅިވިއެވެ.

އެމަނިކުފާނަށް އަދަބު ދޭން އުޅުއްވަނީ ކުރިން އެ މަގާމުގައި ތިއްބެވި ތިން މިނިސްޓަރުންނަށް ނުނިންމުނު ކަމެއް ނުނިއްމުނީމާތޯ ވިދާޅުވެ މަލީހް ވަނީ ސުވާލުކުރައްވާފައެވެ.

"އަޅުގަނޑަށް އަދަބު ދޭން ތި އުޅުއްވަނީ ތިން މިނިސްޓަރުކަމުގައި ނުނިމިވާ ކަމެއް އަޅުގަނޑު ނިންމީމަތޯ؟ ގާނޫނު ފާސްކުރީ 2015 ވަނަ އަހަރު. ގަވާއިދު ހަދަން ޖެހެނީ ތިން މަހާ ހަ މަހާ ދެމެދުގެ މުއްދަތެއްގަ. އެ މުއްދަތުގައި ގަވާއިދު ނުހަދައިފި ނަމަ އަމަލުކުރަންޖެހޭ ގޮތް ގާނޫނުގައި ވެސް ބަޔާން ނުކުރޭ. މިނިސްޓަރު [ޒިންމާ] ނަންގަވަންޖެހޭ ކަމަށް ވާނަމަ، މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނަގަންޖެހޭ އިތުބާރުގެ މައްސަލައެއް އަޅުގަނޑާ ހަމައަށް ސޮއްސާލައިގެން މި އައީ ކީއްވެތޯ؟ ކޮބާތޯ ފަހުން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ޒުހޫރު؟ ކޮބާތޯ އޭގެ ފަހުން މިނިސްޓަރުކަމާ ހަވާލުވެލެއްވި އަޒްލީން؟" ސުވާލު އުފައްދާ މަލީހު ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ، އެމަނިކުފާނުގެ ގެ ވަޒީފާއަށް ވުރެ މިގައުމު މާ ބޮޑުކަމަށެވެ. އަދި ގާނޫނުއަސާސީން ލިބޭ ހައްގުތައް ކަށަވަރުވާން އޮތީ ވަޒީފާ ގުރުބާންކޮށްގެން ކަމަށް ވާނަމަ، އެކަންކުރަންވެސް  ހޭވައްލާ މި ހުރީ ތައްޔާރަށްކަމަށެވެ.

"ވަރަށް ސާފު. މީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލަން މި އިއްޒަތްތެރި މަޖިލީހުގެ މަދު މެމްބަރުންތަކެއް ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. މީ ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އޮތް ހުރަހެއް، ބިރެއް،" މަލީހު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ