45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މިއަދު ހެނދުނު 09:00 އިން މެންދުރު ފަހު 02:00 އާ ހަމައަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެެއްވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ