އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ހޯދުމަށް ކުރާ މަސައްކަތްތަކަށް ހޭލުންތެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ގޮވާލައިފިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ނެރުއްވި ނޫސްބަޔާނެއްގައި އެމްއާރުއެމް އިން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑުމެން ހަނދާން ކުރަންވީ، ދިވެހިރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ދެމިއޮތުމުގެ އަސްލަކީ، މާތްވެގެންވާ އިސްލާމްދީން ކަމެވެ.
"ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި އަދި ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން." އެމްއާރުއެމް އިން ވިދާޅުވިއެވެ.
އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އަޚުވަންތަކަމުގެ ގުޅުމުގެ ރޫޙު ވަރުގަދަކޮށް، އިސްލާމް ދީން ނޫން އެހެން ދީންތަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ހޯދުމަށް އެކިއެކި ފަރާތް ތަކުން ކުރަމުންދާ މަސައްކަތާއި މެދު ހޭލުންތެރިވެތިބެ، އެކަމާ ދެކޮޅަށް އަބަދުވެސް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށް ވިދާޅުވިއެވެ.
"މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް މި ލޮބުވެތި ދިވެހިރާއްޖެއަށް މިންވަރު ކުރެއްވިކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ޙިދާޔަތުގެމަތީގައި ވަރުގަދައަށް ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދިވެހީންނަށް ދެއްވައި، ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވައި، ރާއްޖެއަކީ އަމަން އަމާން ކަން ޤާއިމު ވެފައިވާ ޞުލްޙަ މަޞްލަޙަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ދުޢާ ކުރަން. ނޫސްބަޔާނުގައި ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ޤަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހު ކަމަށް ތާރީޚީ ލިޔުމުން އެގެއެވެ.
ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދްމަތް ތަކެއް ކުރެއްވި މަޢްރިބް ކަރައިގެ ޢިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.



