ހަރުމުދާ ވިއްކަން ޖެހުނީ ނޫ އިޤްތިޞާދާ ހެދި: ޖަމީލް

ހަރުމުދާ ވިއްކަން ޖެހުނީ ނޫ އިޤްތިޞާދާ ހެދި ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ، ދައުލަތަށް ބޭނުންވާ 4.63 ބިލިއަން ރުފިޔާ (300 މިލިއަން ޑޮލަރު) ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަރުމުދާ ވިއްކަން މިސަރުކާރުން މޮޅު ނޫ އިޤްތިސާދު ހެދި ކަމަށާއި ދަރުމަވަންތަ ވިއްކަނީ ރާއްޖެ ހަގީގަތުގަވެސް ބެންކްރަޕްޓް ވުމުން ކަމަށެވެ. އަދި ރޭޓިން ދައްވެ ސްވޮރިން ގެރެންޓީވެސް ގަބޫލުނުކުރާ ހިސާބަށް ދިޔައީތޯ ސުވާލުއުފެއްދެވިއެވެ.

"ތީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް. މި ކާރިސާގެ ތަކުލީފު ވިޔަފާރިތަކާ މުވައްޒަފުން އަދިވެސް އުފުލަމުންދާއިރު، ސަރުކާރުގެ ހަރަދު ކުޑަކުރާނެ އެންމެ ކަމެއްވެސް ބަޖެޓްގައި ނެތް. ރައްޔިތުން ޖޫރިމަނާކޮށް، މުދާ ވިއްކައިގެން ވިޔަސް މަތިބަރު ސަރުކާރު ހިންގަން ޖެހޭ. މަޖިލިސް މެމްބަރުންގެ މުސާރަ ހަމައަށް ދޭން ޖެހޭ؟" ޖަމީލް ވިދާޅުވިއެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީ.ޑީ) އާއި އެކު ކުރަމުންދާކަން ހާމަކުރައްވާފައިވަނީ އިއްޔެއެވެ.

އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސްޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހޭކަމަށާއި، މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ