ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް މި ޤައުމަށް އިތުރަށް ގެނެވުނުޚިދުމަތެއް އަދި އާމްދަނިއެއްވެސް ނެތް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމިލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ރައީސްސުލްޖުމްހޫރިއްޔާ އިއްޔެ ދެ މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
އެގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ހ. ސުނާރު ޚަދީޖާ ނަސީމް އައްޔަން ކުރައްވާފައިވާއިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް ގ. ކަނޑުވައިގެ އަޙްމަދު އަފްޟަލް އިބްރާހީމް ވަނީ އައްޔަން ކުރައްވާފައެވެ.
މި ސަރުކާރުގައި ސިޔާސީ މަޤާމްތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ މި ދަތި ހާލުގައިވެސް ސަރުކާރުން މިފަދަ ކަންކަން ކުރައްވަމުން ގެންދަވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.
ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުއްދައިނުދެވުނުކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާއަށް މުހިންމީ އަރިހުގައި ތިބި ނާޤާބިލް މީހުންނާއި އެމީހުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ބޮޑު މުސާރަދިނުންކަމަށެވެ.
އެގޮތުން މި ސަރުކާރަށް އިތުރަށް ގެނެވުނު ޚިދުމަތެއްކަމަށާއި އަދި އާމްދަނީއެއްވެސް ނެތްއިރު، ޙާލަތުގެ ނާޒުކުކަން ވަޒަންނުކުރެއްވޭތީ ޙައިރާންވާކަމުގައި ޑރ. ޖަމީލް ވަނި ވިދާޅުވެފައެވެ.




