ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އިން ދަޢުވާ ކުރަމުން އައި، ރައްޔިތުންގެ ޖީބަށް ލުއި ނިޒާމް ކަފުން ކޮށްފި ކަމުގައިކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސަވައި ދެއްވުމުގެ ބިލް ތަސްދީޤު ކޮށް އަމަލު ކުރައްފެށުމާއި ގުޅިގެން މިހާރު ވެރިކަން ކުރައްވަމުން އަންނަ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގައި ސްޕަރ މެޖޯރިޓީ އޮތް އެމްޑީޕީއަށް ޑރ. ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިއެވެ.
އެގޮތުން ޖަމީލް ވިދާޅުވީ ބާރުގެ ބޭނުންކުރަނީ މުޅިންވެސް އަމިއްލަ މަޞްލަޙަތަށްކަމަށާއި، އެމްޑީޕީން ދަޢުވާކުރި ރައްޔިތުންގެ ޖީބަށް ލުއި ނިޒާމް ކަފުންކޮށްފިކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ދަޢުލަތުގެ އާމްދަނީއަށްވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާއިރު، ވަކިމީހަކާ ޖެހުމުން ޚަރަދު މުހިންމެއްނޫންކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
އެގޮތުން މާދަމާ ޢާންމު މެންބަރަކަށް ކުރީގެ ރައީސަކު ހުންނަވަންޖެހިއްޖެނަމަ ސަރުކާރުން ގެކޮޅު ހަމަޖައްސަން ޖެހޭނެކަމުގައި ޖަމީލް ވިދާޅުވިއެވެ.
ދައުލަތުގެ ދެބާރުގެ ވެރިންކަމަށްވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު އަހްމަދު މުހްތަސިމް އަދުނާނާއި އޭނާގެ އާއިލާގެ މެމްބަރުންނަށް ދިރުއުޅުއްވޭނެ ރަސްމީ ގެކޮޅެއް ހަމަޖެއްސުމުގެ ބިލް ތަސްދީޤު ކުރައްވާފައި ވަނީ މިއަދުއެވެ.
މި ދެ ބިލަކީވެސް މި ހިނގާ ޖޫން މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ދެ ބިލެވެ.
މި ބިލްތައް ތަސްދީގުކުރެއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ އެވެ